Last Updated: September 8, 06:17
Sunday, September 8, 2024
މުނިފޫހިފިލުވުން

ބައެއް ފިލްމުތަކަށް ފައިސާ ނުލިބި އެބަހުރި

ކުޅުނު ބައެއް ފިލްމުތަކުން ލިބެން ޖެހޭ ފައިސާ ނުލިބި ހުރި ކަމަށާއި އެފަދަ މައްސަލަތައް ބޮލީވުޑްގައި އާންމު ކަމަށް މަޝްހޫރު ތަރި، އަކްޝޭ ކުމާރު ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ބޮލީވުޑްގެ އެންމެ އަގުބޮޑު އެކްޓަރުންގެ ތެރޭގައި ހިިމެނޭ އަކްޝޭ ބުނީ ބައެއް ޕްރޮޑިއުސަރުން މަކަރާއި ހީލަތް ހެދުމަކީ އެންމެން ވެސް ދަންނަ ކަމެއް ކަމަށެވެ. އެކަމަކު ގިނަ މީހުން އެ ވާހަކަ ނުދައްކަނީ ކަމަށް އަކްޝޭ ބުންޏެވެ.

"ޙުދު އަހަންނަކީ ވެސް ކިތަންމެ ފަހަރަކު މި ކަހަލަ ކަންކަމާ ކުރިމަތިލާން ޖެހިފައި ހުރި. މިހާތަނަށް ކުޅުނު ބައެއް ފިލްމުތަކުން އަހަންނަށް ލިބެން ޖެހޭ ވަރަށް ގިނަ އަދަދެއްގެ ފައިސާ ނުލިބި އެބަހުރި،" އަބަދު ވެސް ވަރަށް ބިޒީ އެކްޓަރެއްގެ ގޮތުގައި ފާހަަގަކޮށްލެވޭ އަކްޝޭ ބުންޏެވެ. "ވާ ގޮތަކީ އަހަރެމެން މި ވާހަކަ ނުދައްކާތީ ގިނަ ބަޔަކަށް ނޭނގެނީ."

ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެއް އެކްޓަރު ކަމަށްވާ އަކްޝޭ މިހާރު އަންނަނީ މި އަހަރު ރިލީޒްކުރާ އޭނަގެ ތިން ވަނަ ފިލްމު ޕްރޮމޯޓްކުރަމުންނެވެ. އެއީ އަންނަ މަހުގެ 15 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ކޭލް ކޭލް މޭ" އެެވެ.

އަކްޝޭ އަބަދު ވެސް ފާހަގަކުރެވެނީ އެއް ފަހަރާ ގިނަ ފިލްމުތަކެއްގައި މަަސައްކަތްކުރާ އެކްޓަރެއްގެ ގޮތުގަ އެވެ. އެގޮތުން އަހަރެއްގެ ތެރޭގައި އެވްރެޖްކޮށް އޭގެ ހަތަރު ފަސް ފިލްމު ރިލީޒްވެ އެވެ. މީގެ ސަބަބުން އަކްޝޭގެ އެކްސްޕޯޝާ "އޯވަޑޯޒް" ވާ ކަމަށް ބުނެ ފާޑުކިޔުންތައް ވެސް އަމާޒުވެ އެވެ.

އަނެއްކޮޅުން މި ފަހުން އޭނަގެ ގިނަ ފިލްމުތަކަށް މާ ބޮޑު ތަރުހީބެއް ނުލިބޭކަން ވެސް ފާހަގަ ކުރެވެ އެވެ.

މި އަހަރުގެ މިހާތަނަށް ރިލީޒްވި އަކްޝޭގެ ދެ ފިލްމަކީ އެޕްރީލްގައި ގެނެސްދިން "ބަޅޭ މިޔާ، ޗޯޓޭ މިޔާ" އާއި މި މަހުގެ ކުރީކޮޅު ރިލީޒްކުރި "ސަރުފީރާ" އެވެ. މި އަހަރު ރިލީޒްވާން ހުރި އޭނަގެ ފިލްމުތަކުގެ ތެރޭގައި "ސްކައި ފޯސް" އާއި "ސިންގަމް އެގެއިން" ހިމެނެ އެވެ. އަދި އަންނަ މަހުގެ 15 ގައި ރިލީޒްކުރާ "އިސްތިރީ 2" ގެ ހާއްސަ ފެނިލުމެއްގަިއ ވެސް އަކްޝޭ ހިމެނެ އެވެ.

އުމުރުން މިހާރު 56 އަހަރުގެ އެކްޓަރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ތެލެގޫ ފިލްމު "ވެލްކަމް ޓު ޖަންގަލް"، "ޖޮލީ އެލްއެލްބީ 3"، "ޝަންކަރާ"، "ހީރާ ޕޭރީ 3"، ތެލެގޫ ފިލްމު "ކަނައްޕާ" އަދި މަރާޓީ ފިލްމު "ވެދާރު މަރާޓޭ ވީރު ދައުލޭ ސާތު" ހިމެނެ އެވެ.

އަންނަ މަހުގެ ތެރޭގައި އަކްޝޭ "ހައުސްފުލް 5" ގެ ޝޫޓިން ފަށާނެ އެވެ.

ކުރީގެ ބަތަލާ ޓްވިންކަލް ކަންނާހެ ފިރިމީހާ އަދި ދެ ކުދިންގެ ބައްޕަ އަކްޝޭ އެވްރެޖްކޮށް ފިލްމެއް ކުޅެނީ 100 ކްރޯޑް ރުޕީސް (12 މިލިއަން ޑޮލަރު) އަށެވެ.