Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ޖިހާދަށް ކުރި ދައުވާ ބޭރުކޮށްލައިފި

ކުރީގެ ނައިބުރައީސް އަބްދުﷲ ޖިހާދު- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލި ދައުވާ ކްރިމިނަލް ކޯޓުން ބޭރު ކޮށްލައިފިއެވެ.

ޖިހާދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ އޭނާ ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު ހިންގި ކ. ފުށިދިއްގަރު ފަޅު ސްޕެޝަލް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅިގެންނެވެ. އެގޮތުން ޖިހާދުގެ މައްޗަށް އުފުލާފައި ވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވާއިރު މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެފައިވަނީ އޭސީސީއިން ތަހުގީގުކޮށް ނިންމާފައިވާ މައްސަލައެއް ރިޔާސީ ކޮމިޝަނުން އަލުން ތަހުގީގު ކުރާއިރު ސަބަބު ބުނެދޭން ޖެހޭނެ ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގު ބިނާކޮށްފައިވަނީ ކުރީގެ ނައިބުރައީސް އަހުމަދު އަދީބު ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ކަމަށްވާއިރު އެ ވާހަކަތަކުގެ ތެދުދޮގު ޔަގީންކުރަން ކުރި ކަމަށް ބުނެދެވިފައި ނުވާކަމަށެވެ. އެކަންކަމަށް ބަލާ މި ދައުވާ ކުރިއަށް ގެންދެވޭނެތަނެއް ނެތްކަމަށް މައްސަލަ ބެއްލެވި ގާާޒީ ހުސައިން ފާއިޒު ރަޝާދު ވަނީ ނިންމަވާފައެވެ.

މައްސަލައިގައި ކަންހިނގާފައިވާގޮތް:
މި މައްސަލައަކީ އެސެޓް ރިކަވަރީ ކޮމިޝަނުން ތަޙުޤީޤުކޮށް ފޮނުވާފައިވާ މައްސަލައެއް ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ޖިހާދުގެ މައްޗަށް މި ދައުވާކުރަން ފޮނުވި އަސާސްތައް ހާމަކުރަމުން ޕީޖީ އޮފީހުން މީގެކުރިން ބުނެފައިވަނީ ނޭޝަނަލް ޕްލޭނިންގ ކައުންސިލުގެ ލަފާގެ މަތިން ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ސަރުކާރުގެ 50 ޕަސެންޓު ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަރ އެގްރީމަންޓެއް ހެދުމަށް 22 ނޮވެންބަރު 2011 ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމަވާއިރު މިނިންމުމުގައި އޮތީ، މި މަޝްރޫޢަށް ސަރުކާރުން އެއްވެސް ފައިސާއެއް ޚަރަދުކުރަންނުޖެހޭ ގޮތަށާއި، މިމަޝްރޫޢު ގެ ތެރެއިން، ބިމު ކުލި ދައުލަތަށް ލިބެންޖެހޭނެ ކަމަށެވެ.

ނަމަވެސް ފިނޭންސް މިނިސްޓަރުގެ މަގާމުގައި ޖިހާދު ހުންނަވައި ވަޒީރުންގެ މަޖިލީހުގެ ނިންމުމާ ކަނޑައެޅިގެން ޚިލާފަށް، އެކަން އެގޮތަށް ކުރަންޖެހިދާނެ އެއްވެސް ސަބަބެއް ނެތި، 13 ޖަނަވަރީ ދުވަހު ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި، ވަޒީރުންގެ މަޖިލީހުގެ ނިންމެވުމުގައި އޮތް 50 ޕަސެންޓްގެ ބަދަލުގައި، ދިވެހި ދައުލަތުގެ 25 ޕަސެންޓު ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓަޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އަދި ޖިހާދުގެ މި ޢަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެންއޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައިވެސް 604،713،750 އެމެރިކާ ޑޮލަރު އުނިވެފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މި މައްސަލަ 22 އޮގަސްޓް 2013 ގައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުނު ކަމަށާއި މި މައްސަލައަކީ ފާޅުކަން ބޮޑު ގޮތެއްގައި ކޮރަޕްޝަން ހިމެނޭ މައްސަލައަކަށްވީ ނަމަވެސް، މި މުޢާމަލާތުގައި ކޮރަޕްޝަން އެކުލެވިގެން ނުވާކަމަށް، 16 ފެބުރުވަރީ 2016ގައި އޭރު އެ ކޮމިޝަނުން ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. ނަމަވެސް މި ނިންމުމުގައި ކޮރަޕްޝަންގެ ޢަމަލެއް އެކުލެވޭކަމަށް ބެލުމުގެ ފުރުޞަތު އޮތަތީ، އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކޮށްދެއްވުމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައި ދަންނަވާފައިވާނެ ކަމަށް ޕީޖީ އޮފީހުން ހާމަކުރެއެވެ.