Last Updated: September 8, 06:17
Sunday, September 8, 2024
ދުނިޔެ

ވޯޓް ދޭންވީ މުސްތަގުބަލަށް، އާ ލީޑަރަކަށް

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓް ދޭންވީ މުސްގަތުބަލަށް ކަމަށާއި މާޒީ އަށް ވޯޓް ދިނުމުގެ ބޭނުމެއް ނެތް ކަމަށް ޑިކޮމްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އެމެރިކާގެ މިހާރުގެ ނައިބު ރައީސް ކަމާލާ ހެރިސް ވިދާޅުވެއްޖެ އެވެ.

ރައީސް ޖޯ ބައިޑެން ވެސް ބައިވެރިވެވައިގެންނެވި ކެމްޕޭން އިވެންޓެއްގައި ކަމާލާ ރޭ އިންޑިއާނާޕޮލިސްގައި ވިދާޅުވީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް، ޑޮނަލްޑް ޓްރަމްޕަަށް ވޯޓް ދިނުމަކީ މާޒީ އަށް އެނބުރި ދިއުން ކަމަށެވެ. އަދި އެ މާޒީ އަކީ ހިތްގައިމު މާޒީއެއް ނޫން ކަމަށާއި އެ ތަޖުރިބާ ރަނގަޅު ނޫންކަން އެތައް ބަޔަކު ގަބޫލު ވެސް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންވެ ވޯޓް ދޭންވީ މުސްތަގުބަލަށް،" އާ ލީޑަރަކަށް ފުރުސަތު ދޭން ޖެހޭކަން ފާހަގަ ކުރައްވައި ކަމާލާ ވިދާޅުވި އެވެ. "އަދި މުސްތަގުބަލަށް ވޯޓްދޭނީތޯ ނޫނީ އެނބުރި މާޒީ އަށް ދާނީތޯ ނިންމުމުގެ އިހުތިޔާރު މިހާރު އޮތީ ރައްޔިތުންގެ އަތްމަތީގައި."

އެ ކަމަނާ ވިދާޅުވީ ރައްޔިތުން ދޭ ސަޕޯޓާ އެކީ ހުންނެވީ ގައުމާއިގެން ކުރިއަށް ވަޑައިގެންނެމެވުމުގެ އަޒުމާއި ރޫހާއި ޖޯޝާއި ފޯރީގައި ކަމަށެވެ. އަދި އެމެރިކާ އަކީ ރައްޔިތުން ބޭނުންވާ ފަދަ ގައުމަކަށް ހައްދަވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ވިދާޅުވި އެވެ،

 

ކަމާލާ، 59، ވިދާޅުވީ ބައިޑެންއާ އެކީ މިހާތަނަށް ކުރެއްވުނު ތަޖުރިބާ އަކީ ވަރުގަދަ ލީޑަޝިޕެއް އެމެރިކާ އަށް މުހިއްމުވާކަން ކަމަށެވެ. އަދި ބައިޑެންގެ ފަރާތުން ސިޔާސީ އެތައް ތަޖުރިބާއަކާއި ފިލާވަޅެއް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެެވެ. އެހެންވެ އަނެއްކާ ވެސް ރައްޔިތުން ވެރިކަން ހަވާލު ކުރަން އެންމެ ހައްގުކަން ބޮޑީ ވެސް ޑިމޮކްރެޓިކް ޕާޓީއާ ކަމަށް ވިދާޅުވި އެވެ.

ބައިޑެން ރޭ ވެސް ތަކުރާރުކޮށް ވިދާޅުވީ ރިޔާސީ ރޭހުން އެކަހެރިވެވަޑައިގެން ކަމާލާ ކުރިއަށް ނެރުއްވުމަކީ ނިންމެވުނު ވަރަށް ވެސް ރަނގަޅު ނިންމުމެއް ކަމަށެވެ. އެހެންވެ އެ ނިންމުން ރައްޔިތުން ބަލައިގަނެ، ގައުމު ހިންގަވަން ކަމާލާ އަށް ފުރުސަތު ދެއްވަން އެދިވަޑައިގެންނެވި އެވެ.

"ގައުމުގެ ލީޑަޝިޕް މިހާރު އޮތީ އާ ޖެނެރޭޝަނަކާ ހަވާލު ކުރަން ޖެހިފައި،" ބައިޑެން، 81، ވިދާޅުވި އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު އޮންނާނީ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

މިއީ ޓްރަމްޕް ވެރިކަމަށް ވާދަކުރައްވާ ތިން ވަނަ އިންތިހާބެވެ. އޭނަ ކުރިން ވެރިކަން ކުރެއްވީ 2016-2020 އަށެވެ. އޭގެ ފަހުން ދެވަނަ ދައުރަކަށް ވާދަ ވެސް ކުރެއްވި އެވެ.