Last Updated: October 18, 10:45
Friday, October 18, 2024
ޚަބަރު

ޑްރަގް ޓްރެފިކް ކުރި މީހަކު 23 އަހަރަށް ޖަލަށް

criminal court

މަސްތުވާތަކެތި ޓްރެފިކް ކުރި މީހަކަށް 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މި މައްސަލައިގައި ދައުލަތުން ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވަނީ ސ. މަރަދޫ / ކޮރަލް އަހުމަދު ސާތިއުގެ މައްޗަށެވެ.

މީނާގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ 2019 މާޗް 24 ވަނަ ދުވަހު މީނާ މަސްތުވާތަކެތި ހިފައިގެން ފުރަން އުޅޭކަމަށް ފުލުހުންނަށް މައުލޫމާތު ލިބުމުން، ނޯތު ހާބަރަށް ގޮސް މީނާގެ ކޮނޑުގައި އަޅާފައި އޮތް ދަބަސް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ދަބަހުގެ ތެރޭގައި އޮތް ކެމަލް ބްރޭންޑްގެ ސިނގިރޭޓް ފޮއްޓެއްގެ ތެރެއިން ފެނުނު ޓޭޕް އޮޅާފައި އޮތް ފިލްމް ހުސްކުރި ދަޅުގައި 21.3660 ގްރާމް ކެނެބިސް ހުރިކަމަށް ތަހުލީލު ރިޕޯޓުން ދައްކާ ކަމަށެވެ.

މި މައްސަލައިގައި މީނާއަށް ކުރި ދައުވާއަށް ކޯޓުގައި ވަނީ އިންކާރުކޮށްފައެވެ. އަދި ދައުވާގައި ބުނެފައިވާ އެއްޗިއްސަކީ އޭނާއާ ގުޅުމެއް ނެތް އެއްޗެހިކަމަށް ބުނެފައިވެއެވެ. ދަބަހުން ފެނުނު އެއްޗިއްސަކީ އެހެން މީހަކު އެ ދަބަހަށްލީ އެއްޗެހިކަމަށް ވެސް ބުނެފައިވެއެވެ. އެގޮތުން ދައުވާ ލިބޭ ފަރާތުން ދަބަސް އަޅުވައިގެން ހުރީ ފަހަތަށްކަމަށްވެފައި، ދަބަހުގެ ޒިބް ހުރީ ތަޅުނުލާ ކަމަށާއި އެހެންކަމުން އެ ދަބަހަށް އެހެން މީހަކަށް އެއްޗެއް ލުމުގެ ފުރުސަތު އޮތްކަމަށް ދައުވާ ލިބޭ ފަރާތުން ބުނެފައިވެއެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވި ގާޒީ ނިންމާފައިވަނީ މި މައްސަލައިގައި ކޮށްފައިވާ ދައުވާ އަހުމަދު ސާތިއުގެ މައްޗަށް ސާބިތުވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް 23 އަހަރާއި 10 މަސް ދުވަހުގެ ޖަލު ހުކުމެއް ކޮށް 100،000 ރުފިޔާއިން ޖުރިމަނާކޮށްފައިވެއެވެ.