Last Updated: September 8, 06:17
Sunday, September 8, 2024
މުނިފޫހިފިލުވުން

ބޮބް ޑިލަންގެ ބައޮޕިކްގެ ޓީޒާ ދައްކާލައިފި

އެމެރިކާގެ މަޝްހޫރު މިއުޒިޝަން ބޮބް ޑިލަންގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާ "އަ ކޮމްޕްލީޓް އަންނޯން" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

ޑިސެމްބަރު މަހުގެ ތެރޭގައި ސިނަމާތަކަށް ގެންނަން އަމާޒު ހިފާފައިވާ މި ފިލްމުގައި ބޮބް ޑިލަންގެ ރޯލު ކުޅެފައި ވަނީ ހުނަރުވެރި ޒުވާން އެކްޓަރު ޓިމޯތީ ޗަލަމޭ އެވެ.

ބޮޑު ކާސްޓެއް ފެންނާނެ "އަ ކޮމްޕްލީޓް އަންނޯން" ޑައިރެކްޓްކުރީ ޖޭމްސް މޭންގޯލްޑެވެ.

"ގާލް އިންޓަރެޕްޓެޑް" އާއި "ނައިޓް އެންޑް ޑޭ" އާއި "ދަ ވުލްވްރިން" އާއި "ދަ ލޯގަން" ގެ އިތުރުން "ފޯޑް ވާސަސް ފެރާރީ" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "އިންޑިއާނާ ޖޯންސް އެންޑް ދަ ޑަޔަލް އޮފް ޑެސްޓިނީ" އެވެ.

ބޮބް ޑިލަންގެ ރޯލުން 28 އަހަރުގެ ޓިމޯތީ ބެލުންތެރިންނާ ބައްދަލު ކުރަން ތައްޔާރުވަމުން އަންނަ އިރު، އޭނަގެ އެންމެ ފަހުގެ ފިލްމަކީ މާޗްގައި ރިލީޒްކުރި ސައިންސް ފިކްޝަން ފިލްމު "ޑޫން: ޕާޓް 2" އެވެ.