"ކުރަނގި" އޮޕަރޭޝަންގެ މިހާރުގެ އަމާޒަކީ ތިން މަސްތެރޭ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުން ކަމަށް ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މި އޮޕަރޭޝަން މިހާރު މުޅި ރާއްޖެ އަށް ފުޅާކޮށްފައިވާ އިރު، އޭނަ ވިދާޅުވީ އޮޕަރޭޝަންގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުމަށް ރަށްތަކުގެ ކައުންސިލްތަކަށް ވަރަށް ގިނަ ފަސޭހަތަކެއް ފޯރުކޮށް ދީފައިވާ ކަމަށެވެ. އެގޮތުން، މިނިސްޓްރީން އެކަމަށް ޚާއްސަކޮށް ޕޯޓަލެެއް ގާއިމުކޮށްފައިވާ ކަމަށާއި ޕޯޓަލަށް މައުލޫމާތުތައް އެއްކުރުމަށް ބޭނުންވާނެ ވަސީލަތްތައް ކައުންސިލްތަކަށް މިހާރު ފޯރުކޮށް ދީފައިވާ ކަމަށް ވެސް މަޖީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ، ޕްލޭނަކީ 100 ދުވަހުގެ ތެރޭގައި ނުވަތަ ތިން މަސް ދުވަސްތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އެރަށެއްގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތުތައް ހޯދައި އެއްކުރުން." އޭނަ ވިދާޅުވި އެވެ.
މަޖީދު ވިދާޅުވީ އުއންމީދަކީ ވީހާވެސް އަވަހަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުން ކަމަށެވެ.
އަދި މި އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފުވެފައި ތިބި ފަރާތްތަކަށް އަލުން ގާނޫނުގެ ތެރެއަށް ވަނުމަށް ފުރުސަތު ދޭނެ ކަމަށާއި ޕްރޮގްރާމް ނިމޭއިރު، ރާއްޖޭގައި ބިދޭސީން ގާއިމުވެފައި ތިބި އަދަދާއި ނުގަވައިދުން ތިބީ ކިތައް ބިދޭސީން ކަން އެނގޭނެ ކަމަށް ވިދާޅުވި އެވެ.
މަރުހަލާތަކަށް ބަހާލައިގެން ކުރިއަށް ގެންދާ "ކުރަނގި" އޮޕަރޭޝަން ފެށީ މެއި މަހުގެ 2 ގައި ކ. ހިންމަފުށިންނެވެ. އޭގެ ފަހުން މި އޮޕަރޭޝަން މާފުށީގައި ވެސް ހިންގާފައިވެ އެވެ.