Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

އެމްޕީއެލްގެ ވެރިން މުދާ އުފުލުމުގައި ބައިވެރިވެއްޖެ

ޕޯޓް އޮޕަރޭޝަންސްގައި މަސައްކަތްކުރާ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، މެނޭޖްމަންޓާއި މުވައްޒަފުންނާއި ދެމެދު އޮތް ގުޅުން ވަރުގަދަކޮށް، މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ މެނޭޖްމަންޓް އިން ޕޯޓުގެ ކާގޯ އޮޕަރޭޝަންސްގައި މިއަދު އަމަލީ ގޮތުން ބައިވެރިވެއްޖެ އެވެ.

އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމާއި ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ އިސްވެރިން ވަނީ މިއަދު މާލޭ ވިޔަފާރި ބަނދަރަށް ގޮސް، ޕޯޓުގެ ކާގޯ އޮޕަރޭޝަންސްތަކުގެ އެކި މަސައްކަތުގައި އަމަލީ ގޮތުން ވަނީ ބައިވެރިވެފަ އެވެ.

ސީއީއޯ ވަޖީހް ވިދާޅުވީ މިއަދު ކުންފުނީގެ އިސްވެރިންނާއެކު ފެށި މި ޕްރޮގްރާމުން ކުންފުނީގެ ހުރިހާ ވެރިންނަށް ޕޯޓް އޮޕަރޭޝަންސްގެ މަސައްކަތުގެ މާހައުލުގައި ހުރި އުނދަގޫތައް ފެނި، އެ މައްސަލަތަކަށް ހައްލުކުރާނެ ގޮތްތަށް ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

"މީގެ އަނެއް ބޭނުމަކީ ބައެއް ފަހަރު މުވައްޒަފުން ބަލިވުމާއި ޗުއްޓީ ނެގުމާއި ސަލާމް ބުނުމާއި ގުޅިގެން ކާގޯ އޮޕަރޭޝަންސްގެ މުވައްޒަފުން މަދުވާ ހާލަތެއްގައި އެހެން ދިމަ ދިމާތަކުން (އެހެން ޑިޕާޓްމަންޓްތަކުން) މުވައްޒަފުން ގެނެސްގެން ވެސް މަސައްކަތަށް (ބޭނުންވާ އަދަދަށް މުވައްޒަފުން) ފިލް ކޮށްލުން. އެހެންކަމުން އަޅުގަނޑު މި ޔަގީންކުރަނީ ކުންފުނީގެ ކާގޯ އޮޕަރޭޝަންސް މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި މި ޕްރޮގްރާމާއި އެކު މުވައްޒަފުން މަދު ނުވާނެ ކަމަށް،" ސީއީއޯ ވަޖީހް ވިދާޅުވި އެވެ.

ސީ.އީ.އޯ ވިދާޅުވީ އެމްޕީއެލްގެ އެންމެ މުހިންމު މަސައްކަތް ކަމަށްވާ ކާގޯ އޮޕަރޭޝަންސްގެ މަސައްކަތްތަކުގެ އަމަލީ ތަޖުރިބާ ކުންފުނީގެ ހުރިހާ މުވައްޒަފުންވެސް ހޯދަން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ކުންފުނީގެ ހުރިހާ މުވައްޒަފުންވެސް ކާގޯ އޮޕަރޭޝަންސްގެ އަމަލީ ތަޖުރިބާ ހޯދާ ޕްރޮގްރާމް ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް ވިދާޅުވި އެވެ.