Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ޕާކިސްތާނުން ދިވެހި ބަހުގެ އެކެޑަމީއަށް 10،000 ޑޮލަރު

ޕާކިސްތާނު ސަރުކާރުގެ ފަރާތުން ދިވެހިބަހުގެ އެކެޑަމީއަށް 10،000 ޑޮލަރު ހަދިޔާކޮށްފި އެވެ.

ދިވެހިބަހުގެ އެކެޑަމީގައި މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެހީ ހަވާލުކޮށްދެއްވީ ޕާކިސްތާނުގެ ސަފީރު ވައިސް އެޑްމިރަލް މުޙައްމަދު ފައްޔާޒު ގީލާނީ އެވެ. އަދި އެހީއާ ހަވާލުވެވަޑައިގެންނެވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޕާކިސްތާނުގެ ސަފީރު ގީލާނީ ވިދާޅުވީ ޕާކިސްތާނާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުމަކީ ވަރަށް ހާއްސަ ގުޅުމެއް ކަމަށާއި އަދި ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ދެގައުމުގެ ދެމެދުގައި އޮތް އަޚުވަންތަކަމުގެ ގުޅުމަށްޓަކައި ވަރަށް ހާއްސަ އުފަލެއް ލިބޭ ކަމެއް ކަމަށެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާއާއި ތިމާވެށީގެ ދާއިރާއާއި ޢުމްރާނީ ތަރައްޤީގެ ދާއިރާއާއި ކުޅިވަރުގެ ދާއިރާގައި ވެސް ޕާކިސްތާނުގެ އެހީތެރިކަމާއެކު ކުރެވިފައިވާ އަދި ކުރެވެމުންދާ ކަންކަން ފެންނަން އެބަހުރި ކަމަށާއި އަދި މިއަދު އެކެޑަމީއަށް މިދެވުނު އެހީއަކީ ރާއްޖޭގެ ތަރިކައާ ސަގާފަތުގެ ދާއިރާއަށް ވެދެވޭ އެހީއެއް ކަމަށްވާއިރު، ކުރިއަށް އޮތް ތަނުގައި މި ދާއިރާއިން ދެގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ސަފީރު ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ޕާކިސްތާނާ ރާއްޖެއާ ދެމެދު އޮތް ގުޅުން ގިނަ ދާއިރާ ތަކަކުން އިތުރަށް ހަރުދަނާވެގެންދާނެކަން ޔަޤީންކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

އެހީއާ ހަވާލުވެވަޑައިގެންނެވުމަށްފަހު ވަޒީރު އާދަމް ނަޞީރު އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި ބަހުގެ އެކެޑަމީގެ އުންމީދުތައް ހާސިލުކުރުމުގައި މިއީ މިހިނދަށް ވަރަށް ބޭނުންތެރި އެހީއަކަށްވާނެކަމަށް ވިދާޅުވި އެވެ. އަދި ޕާކިސްތާނު ސަރުކާރުގެ ފަރާތުން ދިވެހީންނަށް ލިބިފައިވާ އަދި ލިބެމުންދާ އެހީއަކީ އަގުނުކެރެވޭނެ އެއްޗެއް ކަމަށާއި، އެކަމަށްޓަކައި އެންމެހައި ދިވެހީންގެ ނަމުގައި ޕާކިސްތާނު ސަރުކާރަށް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.