Last Updated: October 18, 10:31
Friday, October 18, 2024
ދުނިޔެ

އަމްބާނީގެ ލަންޑަންގެ ހަފުލާތަކަށް 7 ތަރީގެ ހޮޓަލެއް

އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު އާނަންތު އަމްބާނީ އާއި އަންހެނުން ރާދިކާ މާޗަންޓްގެ ކައިވެނީގެ އުފާ ފާޅުކުރުމުގެ ގޮތުން އިނގިރޭސިވިލާތުގައި ބާއްވަން ނިންމާފައިވާ ހަފުލާތަކަަށް ލަންޑަންގެ ލަގްޒަރީ ހޮޓަލެއް ދެ މަސް ދުވަހަށް ބުކްކޮށްފި އެވެ.

މީޑިއާތަކުން މިއަދު ބުނީ އަންނަ މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމައަށް ބުކްކޮށްފައި ވަނީ ލަންޑަންގެ ހަތް ތަރީގެ ހޮޓަލެއް ކަމަށްވާ ސްޓޯކް ޕާކް ކަމަށެވެ. ނަމަވެސް އެ ތަނުގައި އާނަންތާއި ރާދިކާގެ ކައިވެނީގެ އުފާފާޅު ކުރުމުގެ ހަފުލާ ފަށާނެ އިރެއް އަދި ސާފު ނުވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

ނަމަވެސް ލަންޑަންގައި ބާއްވާ ހަފުލާތަކުގައި މަޝްހޫރު އަދި ނުފޫޒު ގަދަ އެތައް ބަޔަކު ބައިވެރިވާނެ ކަމަށް މީޑިއާތަކުންނެވެ. އެގޮތުން މިހާރު ދައުވަތު ފޮނުވުމުގެ ތައްޔާރީތައް ކުރިއަށްދާ އިރު، އެމެރިކާގައި މިހާރު ދިރިއުޅެމުން އަންނަ، އިނގިރޭސި ރަސްގެފާނު ޗާލްސްގެ ހަގު ދަރިކަލުން ޕްރިންސް ވިލިއަމާއި އަނބިކަނބަލުން މޭގަން މާކަލް ވެސް ލަންޑަނަށް ވަޑައިގަންނަވާނެ ކަމަށް މީޑިއާތަކުން ބުންޏެވެ.

އާނަންތު، 29، އާއި ރާދިކާ، 29، ކައިވެނިކުރީ މި މަހުގެ 12 ގައި މުމްބާއީގައި ބޭއްވި ވަރަށް ކުލަގަދަ ހަފުލާއެއްގަ އެވެ. އެ ހަފުލާގައި ދުނިޔޭގެ މަޝްހޫރު އަދި ނުފޫޒު ގަދަ އެތައް ބަޔަކު ބައިވެރިވޮ އެވެ. އިންޑިއާގައި މި މަހުގެ 15 ގައި ކައިވެނީގެ ތަފާތު ހަރަކާތްތައް ނިންމައިލީ ހަތް މަސް ދުވަހުގެ އުފާފާޅުކުރުންތަކަށް ފަހު އެވެ.

ކައިވެންޏާ ގުޅިގެން ޒުވާން ދެމަރިންނަށް އަގުބޮޑު އެތައް ހަދިޔާއެއް ވެސް ލިބިފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކައިވެނީގެ އެކިއެކި ހަފުލާތަކަށް އަމްބާނީ އާއިލާ އިން 600 މިލިއަން ޑޮލަރަށް ވުރެ ބޮޑު ހޭދައެއްކޮށްފައިވެ އެވެ. އަމްބާނީގެ މިލްކިއްޔާތު 123.3 ބިލިއަން ޑޮލަރަށް އަރަ އެވެ.