Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ސާލިމްގެ މަރުގެ ހުކުމް ހައި ކޯޓުން ދަމަހައްޓައިފި

ޝާ އަލޮމް މިއާ (ސާލިމް)

އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލުމަށްފަހު ވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނު މަހުމޫދު އަބޫބަކުރުގެ ގާތިލް ޝާހް އާލަމް މިއާ (ސާލިމް) މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ވެސް ދަމަހައްޓައިފި އެވެ.

މަހުމޫދް މަރާލި މައްސަލައިގައި ސާލިމްގެ މައްޗަށް އުފުލާފައިވަނީ ޤަޞްދުގައި މީހަކު މެރުމުގެ ދައުވާ އާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ އެވެ. މަހްމޫދު މަރާލިކަމަށް ސާލިމް ވަނީ ތަހުގީގީ މަރުހަލާ އާއި ކްރިމިނަލް ކޯޓުގައި އިއުތިރާފްވެފަ އެވެ.

ޕީޖީ އޮފީހުން މި މައްސަލަ ހައިކޯޓަށް ހުށަހެޅީ ސާލިމް މެރުމަށް ކުރި ހުކުމުގެ ސައްހަކަން ކަށަވަރުކުރުމުގެ ގޮތުންނެވެ.

މި މައްސަލާގައި ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ދަށު ކޯޓުން މަރުގެ ހުކުމް ސާބިތުކޮށްފައިވަނީ ސާލިމްގެ އިއުތިރާފުން އެންމެހާ އިޖުރާއަތުތައް ފުރިހަމަކޮށްފައި ކަމުން އެއީ ސައްހަ ހުކުމެއް ކަމަށް ކަނޑައަޅާފަ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މަހުމޫދުގެ ހަށިގަނޑު އެކި ތަންތަނަށް އެކި މިންވަރުގެ 30 އަށް ވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށެވެ. އޭގެތެރެއިން ވެސް މަހުމޫދުގެ ބޮލުން މައިގަނޑު ތިން އަނިޔާއެއް ފާހަގަކުރެވޭ ކަމަށް ފުލުހުން ބުނެ އެވެ.

ސާލިމް މިކަން ކޮށްފައިވަނީ ފައިސާގެ ބޭނުމަށް ކަމަށާއި މަހްމޫދު މަރާލި އިރު އޭނާ އަތުގައި ހުރި ކަމަށް ބެލެވޭ ދިހަ ވަރަކަށް ހާސް ރުފިޔާ ސާލިމް އުޅުނު ގޭތެރެއިން ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.