ރާއްޖޭގެ 20 ރަށެއްގެ ސޯލާ ޕީވީ ނިޒާމުގައި ހަކަތަ މެނޭޖުކުރާ ނިޒާމު ޤާއިމްކުރަން ޗައިނާގެ ސައިނޯޝޯ ހައިބްރިޑް ޓެކްނޮލޮޖީއާ ހަވާލުކޮށްފި އެވެ.
އެއްބަސްވުމުގައި މިއަދު އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހީމެވެ. ސައިނޯޝޯގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު ގޫ ޒެންޕެންގެވެ.
އެއްބަސްވުމާ ގުޅޭ ގޮތުން އެންވަރަމަންޓް މިނިސްޓްރީން އެއްބަސްވުމުގެ ދަށުން 20 ރަށެއްގެ ސޯލާ ޕީވީ ހައިބްރިޑް ޕަވަ ސިސްޓަމްތައް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ އެނަޖީ މެނޭޖްމަންޓް ސިސްޓަމް ނުވަތަ ހަކަތަ މެނޭޖްކުރާ ނިޒާމެއް ގާއިމު ކުރެވޭނެ ކަމަށެވެ.
މީގެ ސަބަބުން އެ ރަށްރަށުގައި އިޢާދަކުރަނިވި ހަކަތަ އުފައްދައި، ބޭނުންކުރެވޭ މިންވަރު އިތުރުކުރެވޭނެ ކަމަށް މިނިސްތްރީން ބުންޏެވެ.
ވިހި ރަށުގެ ސޯލާ ޕީވީ ނިޒާމުތަކުގައި ހަކަތަ މެނޭޖުކުރާ ނިޒާމު ޤާއިމްކުރަން 1.1 މިލިއަން ޑޮލަރު ހަރަދުވާނެ އެވެ. އަދި މަސައްކަތް ހަވާލުކޮށްފައި ވަނީ ފަށާތާ ހަތަރު މަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ރާއްޖޭގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ 13 ރަށެއްގައި 15 މެގަވޮޓް ސޯލާ ޕީވީ ނިޒާމު ޤާއިމުކުރުމަށް އިންވެސްޓަރުން ހޯދުމަށް މިހާރު ވެސް އޮތީ އިޢުލާންކޮށްފަ އެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ޤައުމަށް ބޭނުންވާ ކަރަންޓުގެ 33 ޕަސެންޓް އިޢަދަކުރަނިވި ހަކަތަ އަށް ބަދަލުކުރުމެވެ. މިހާތަނަށް ރާއްޖޭގައި 67.5 މެގަވޮޓުގެ ސޯލާ ކަރަންޓު އުފައްދާ ނިޒާމު ވަނީ ގާއިމްކޮށްފައިވެ އެވެ.