Last Updated: September 8, 06:17
Sunday, September 8, 2024
ޚަބަރު

އާރްޓީއެލް ފެރީގެ ހިދުމަތް ނ. އަތޮޅުގައި ފަށައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން ދެމުން އަން ފެރީގެ ހިދުމަތް ނ. އަތޮޅުގައި ފަށައިފި އެވެ.

އެ ހިދުމަތް އެ އަތޮޅުގައި އިފުތިތާހުކުރީ އިއްޔެ ހަވީރު އެވެ.

އެކަމަށްޓަކައި މަނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ހިދުމަތް އިފުތިތާހުކޮށް ދެއްވީ ޓީމްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ލޯކަލް މިނިސްޓަރު އާދަމް ޝަރީފުގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް އަދި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާދެވެ.

އާރްޓީއެލްގެ ފެރީގެ ހިދުމަތާ އެކީ ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް މި ނިޒާމުގެ ތެރެއިން ގުޅާލެވިގެން ދާނެ އެވެ. އަދި އަތޮޅުގައި ފެރީގެ ހިދުމަތް ބޭނުންކުރަނީ އެކަމަށް ހާއްސަކޮށް ބަނދެފައިވާ ފެރީ ބޭނުންކޮށްގެންނެވެ. ހިދުމަތް ހަފްތާގެ ހުރިހާ ދުވަހެއްގައި ލިބޭނެ ކަމަށްް އެމްޓީސީސީން ބުންޏެވެ. އަދި ދަތުރު ކުރާނީ ތިން ރޫޓަކުންނެވެ.

ނ. އަތޮޅުގައި އިއްޔެ ފެރީގެ ހިދުނަތް އިފުތިތާހުކުރި ނަމަވެސް ރަސްމީކޮށް ފެރީ ދަތުރުތައް ފެށީ މިއަދެވެ.

އެެމްޓީސީސީން ބުނީ ހިދުމަތުން އަ ގު ނަގަން ފަށާނީ އަންނަ މަހުގެ 2 އިން ފެށިގެން ކަމަށެވެ. އަދި އެ ހިސާބުން ކައުންސިލް މެދުވެރިކޮށް ފެރީ ޖާގަ ދިނުން ހުއްޓާލައި ޓިކެޓް ގަންނަން ލިބޭނީ އެކަމަށް ހާއްސަކޮށްފައިވާ އާރްޓީއެލް އެޕުން ކަމަށް އެމްޓީސީސީން ބުންޏެވެ.

އާރްޓީއެލްގެ ހިދުމަތް ފެށީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޖޫން 12، 2022 ގަ އެވެ. މި ހިދުމަތުގެ ބޭނުމަކީ މުޅި ރާއްޖެ އަވަސް އަދި ފަސޭހަ ފެރީ ނިޒާމަކުން ގުޅައިލުމެވެ.

އާރްޓީއެލްގެ ހިދުމަތް ދޭން ރާވާފައި އޮތީ ހަ ޒޯނަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު 4 ޒޯނެއްގައި ހިދުމަތް ފަށާފައިވެ އެވެ.

އާރްޓީއެލް ހިދުމަތް މިހާރު ދެމުން ދޭ ޒޯންތައް:

* ޒޯން 1: ހއ. ހދ. އަދި ށ. އަތޮޅު
* ޒޯން 2: ޅ. އަތޮޅު
* ޒޯން 5: ގއ. އާއި ގދ. އަތޮޅު
* ޒޯން 6: ފުވައްމުލައް އަދި އައްޑޫ

އާރްޓީއެލް ހިދުމަތް ނުފަށާ ޒޯންތައް:

* ޒޯން 3: ކ، އއ، އދ އަދި ވ އަތޮޅު
* ޒޯން 4: މ، ފ، ދ، ތ އަދި ލ އަތޮޅު

އާރްޓީއެލްގެ ދަށުން އަންނަނީ ބޮޑެތި ބައެއް ސަރަހައްދުތަކުގައި ބަހުގެ ހިދުމަތް ވެސް އަންނަނީ ދެމުންނެވެ.