މިނިވަން ކަމުގެ އިހުސާސެއް ނުކުރެވޭ ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ވަގުތީ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފުން މިރޭ ބޭއްވި ފްރޮންޓް ޖަލްސާގައި ވާހަކަދައްކަމުން ޒޭން ވިދާޅުވީ މި ސަރުކާރުގައި މިހާރު ތިއްބެވި ބޭފުޅުން ކުރީ ސަރުކާރަށް ފާޑުކިޔުމުގެ ގޮތުން އެންމެ ގަދައަށް ދެއްކީ ރާއްޖޭގައި އިންޑިއާގެ ހަތިޔާރު އެޅި ސިފައިން ތިބި ކަމުގެ ވާހަކަ ކަމަށާއި ނަމަވެސް ރާއްޖޭގައި އިންޑިއާ ސިފައިން މިހާރު ނެތް ކަމަށް ސަރުކާރުން ބުނާއިރު، މީގެކުރިން އިންޑިއާ ސިފައިން ލޮލަށް ނުފެނުނު ބޭފުޅުން ވެސް މިހާރު ސަރުކާރުގެ ތެރޭގައި އެބަތިއްބެވި ކަމަށެވެ.
ރާއްޖޭގައި ބޭރުގެ ސިފައިން ރަމްޒީ ގޮތުން ނެތް ކަމަށް ބުނާއިރު، ރާއްޖޭގައި ބަހައްޓާފައި ހުރި ރާޑަރު ސިސްޓަމްތަކުން ކުރާ ކަމަކާއި މެދު ވެސް ސުވާލު އުފެދޭ ކަމަށް ޒޭން ވިދާޅުވި އެވެ. އަދި ރާއްޖޭގެ ދިފާއީ ނިޒާމުގެ މައްޗަށް ގޮތް ކިޔާނެ ބޭރުގެ ބަޔަކު ތިބެގެން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"ދާހިލީ ނުފޫޒުތައް މި ގައުމުގެ މައްޗަށް ވަރަށް ގިނަ. އެހެންވީމާ މި ދަންނަވަނީ މިނިވަން ކަމުގެ އިހުސާސެއް އަޅުގަނޑަކަށް ހަމަ ގައިމު ވެސް ނުކުރެވޭ،" ޒޭން ވިދާޅުވި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ސަރުކާރުން ބުނެފައިވާ ގޮތުން އިންޑިއާގެ ސިފައިންގެ ފުރަތަމަ ބެޗް ރާއްޖެ އިން ފޭބީ މާޗް މަހުގެ ކުރީކޮޅު އެވެ. އަދި ދެވަނަ ބެޗް ފޭބީ އޭޕްރީލް މަހުގެ ކުރީކޮޅު ކަމަށްވާއިރު ފަހު ބެޗުގެ ސިފައިން ފޭބީ މިދިޔަ މޭ މަހުގެ ތެރޭގަ އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ރާއްޖޭގައި އިންޑިއާގެ 88 ސިފައިން ހަރަކާތްތެރިވަމުން ގޮސްފައިވެ އެވެ.