އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރުމުގެ ހެޔޮ ނިޔަތެއް ސަރުކާރުގައި ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީގައި އޮންނަތާ މިހާރު ވަނީ 40 އަށް ވުރެ ގިނަ ދުވަސް ވެފަ އެވެ.
ޕީއެންއެފުން ރޭ ބޭއްވި ފްރޮންޓް ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ މީގެކުރިން މިފަދަ ކަންކަމަކީ ސީދާ ރައީސްގެ މޭޒުން ނިމޭ ކަންކަން ކަމަށާއި މިކަން މަޖިލީހާއި ހަމައަށް ދާންޖެހޭ ވާހަކައެއް ގާނޫނު އަސާސީގައި ވެސް ނޯންނަ ކަމަށެވެ. އިޒްރޭލު ޕާސްޕޯޓުގެ މައްސަލަ މަޖިލީހަށް ފޮނުވުމަކީ ވެސް ސަރުކާރުން ފަހަތަށް އެޅި ފިޔަވަޅެއް ކަމަށާއި އެއީ އަޅަންޖެހޭ ފިޔަވަޅެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.
"ނުލާހިކު ފަސޭހައިން ކޮށްލެވެން އޮތް ކަމެއް، އޭގައި ސަރުކާރުން މިއޮތީ ދިގު މަގު އިހުތިޔާރުކޮށްފައި. އެކަން ކުރަން ބޭނުން ނޫނީ. ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ގޮސްފައި މިހާރު ކޮމިޓީގައި އޮންނަތާ 45 ދުވަސް،" ޔާމީން ވިދާޅުވި އެވެ.
"އެހެންވީމާ މީގައި ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތް. އެއް އަތުން މި ބުނަނީ ތިމަންނަ މިކަން ކުރާނަމޭ. އަނެއް އަތުން މި ބުނަނީ ކުރިޔަކަ ނުދޭނަމޭ،" ޔާމީން ވިދާޅުވި އެވެ.
އިޒްރޭލު މީހުންނާއި އެ ގައުމުގެ ޕާސްޕޯޓު އޮންނަ އެންމެންނަށް ރާއްޖެ ނާދެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ބިލެއް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. ސަރުކާރުން ވަނީ އެ ބިލު ބަލައިގަނެ، ކޮމިޓީ މަރުހަލާގައި ބިލަށް އިސްލާހުތަކެއް ގެންނަން ނިންމާފަ އެވެ.