Last Updated: October 18, 05:52
Friday, October 18, 2024
ޚަބަރު

ފަތިހާ ތެދުވެ ރިޒްގު ހޯދަން މަސައްކަތް ފަށާ، ބަރަކާތްލައްވާނެ

ރިޒްޤުގައި ބަރަކާތްލައްވާ ކަންކަމުގެ ތެރޭގައި، ފަތިހާ ތެދުވެ ރިޒްޤު ހޯދާން މަސައްކަތް ފެށުން ހިމެނޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ހުކުރު ހުތުބާގައި ބުނީ ރޭގަނޑު ހޭލައި ހުރެފައި، ފަތިހު ނިދާ މީހުންނަށް ދެ ޣަނީމާއެއް ގެއްލޭ ކަމަށާއި އެއީ ފަތިސް ނަމާދާއި ދުވާލު ފެށޭ ވަގުތުގެ ބަރަކާތް ކަމަށެވެ. އެކަމުގެ ސަބަބުން އޭނާ އިލާހީ ރިޒްޤުން މަޙްރޫމުވާ ކަމަށާއި މާތް ﷲ އޭނާގެ މައްޗަށް ވާޖިބުކުރައްވައިފައިވާ ޙައްޤު އަދާނުކުރާ ދުވަހަކީ އަބާއްޖަވެރި ދުވަހެއް ކަމަށް ހުތުބާގައި ބުންޏެވެ.

"އޮފީހަށް ގަޑި ޖެހިގެންދާ މީހާގެ މުސާރައިން އުނިވާ ގޮތަށް، ސަވާބާއި ދަރުމަ ވެސް އުނިވާނެ އެވެ. ފަތިސްނަމާދު ނުކުރުމުން ﷲގެ ރުއްސެވުމުން އޭނާ މަޙުރޫމުވާނެ އެވެ،" ހުތުބާގައި ބުންޏެވެ.

މި ވަގުތުގެ ބަރަކާތުން އިންސާނާ މަޙްރޫމު ކުރެވޭތޯ ޝައިޠާނާ މަސައްކަތް ކުރާނެ ކަމަށާއި އެގޮތުން ރޭގަނޑު ކުޅިވަރުގައި ހޭލައި ހުރުން، އޭނާއަށް ރީތިކޮށްދީ، ފަތިހު ތެދުވުން ބުރަކަމަކަށް ހަދާނެ ކަމަށް ބުނެފައިވެ އެވެ. މިފަދަ މީހާގެ ގާތަށް ނިދި އަންނާނީ ފަތިސް ވުމުން ކަމަށާއި އޭނާއަށް ފަތިސް ނަމާދު ވެސް އަދި ދުވާލުގެ ފެށުން ވެސް އޭރުން އޮންނާނީ ގެއްލިފައި ކަމަށް ހުތުބާގައި ބުންޏެވެ.

އިސްލާމް ދީނުގައި މަސައްކަތަކީ، އަޅުކަމެއް ކަމަށާއި ﷲގެ ޙަޟްރަތުގައި ވެސް އަދި ދުނިޔޭގެ ނަޒަރުގައި ވެސް މަސައްކަތްކުރާ މީހާއާއި މަސައްކަތްނުކުރާ މީހާ ހަމަހަމަވެގެން ނުވާނެ ކަމަށްވެސް ހުތުބާގައި ބުންޏެވެ.

"މަސައްކަތްކުރާ މީހާއަށް ﷲގެ ރުހިވޮޑިގަތުން ލިބޭނެ އެވެ. މީހުންގެ ލޯތްބާއި އިޙްތިރާމު ލިބޭނެ އެވެ. މަސައްކަތްނުކުރާ މީހާއީ ﷲ ރުއްސަވާ މީހެއް ނޫނެވެ،" ހުތުބާގައި ބުނެފައިވެ އެވެ.

ހުތުބާގައި ވަނީ އެފަދަ މީހުން ވާނީ އޭނާގެ އަމިއްލަ ނަފްސަށާއި، އަނބިދަރީންނަށް ޖެހިފައިވާ ބުރައަކަށް ކަމަށާއި ދުންޔަވީ ޙަޔާތް ބާއްޖަވެރިވެ، އޭގެ ފޮނިކަމާއި މީރުކަން ފުރިހަމަ ވާނީ، ތިމާއަށާއި އެހެން މީހުންނަށް ފައިދާ ހުރި ޙަލާލު މަސައްކަތެއްކޮށް، އާމްދަނީ ހޯދައިގެންް ކަމަށްވެސް ބުނެފަ އެވެ.