Last Updated: September 8, 03:07
Saturday, September 7, 2024
ޚަބަރު

ނަފްރަތުގެ ލޭބަލްތައް އެޅުވުން ހުއްޓާލަން ގޮވާލައިފި

އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ވަކި ޕާޓީއެއްގެ ބަޔަކަށް ވީތީ އެމީހުން މަސައްކަތްކުރަނީ ޤައުމުގެ މިނިވަންކަން ނަގާލުމަށް ކަމަށް ބުނެ ލޭބަލްކުރުން ހުއްޓާލަން ޖެހޭކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި "ރާއްޖެ ޓީވީ" އިން ގެނެސްދިން ޚާއްސަ ކަވަރޭޖްގައި ވާހަކަ ދައްކަވަމުން ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ މިނިވަން ދުވަހު ކުރަންވީ ކަމަކީ ނަފްރަތު އުފެއްދުމާއި މީހުންގެ ހިތުގައި ބިރުވެރިކަން އުފެއްދުން ހުއްޓާލުން ކަމަށެވެ. އަދި މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށް އެކަން ކުރުން ހުއްޓާލަން ޝާހިދު ވަނީ ގޮވާލާފަ އެވެ.

"ނަފްރަތުގެ ސިޔާސަތުތައް، ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމުގެ ސިޔާސަތުތައް. ރައްޔިތުން ވަކި ގޮތަކަށް ސިޔާސީ ގޮތުން ލޭބަލްކުރުމުގެ ސިޔާސަތުތައް ހުއްޓާލަންވީ. ޤައުމީ ކަންތައްތައްތަކުގައި ވަކި ހަމައެއްގައި ހުރިހާ ސިޔާސީ ޕާޓީތަކަށް އެއްބަސް ވެވެން ޖެހޭނެ" ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެންނަކީ ދިވެހިން ކަމަށް އެއްބަސް ވެވެން ޖެހޭ."

ޝާހިދު ވިދާޅުވީ އެންމެންގެ މަގްސަދަކީ އިސްލާމް ދީން ޙިމާޔަތްކޮށް، ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ބޭއްވުންކަން އެއީ އެންމެންނަށް އެއްބަސްވެވެން ޖެހޭ ކަންކަން ކަމަށެވެ. އަދި މި ފިކުރުތަކާ ދެކޮޅަށް މަސައްކަތްކުރާ އެއްވެސް ސިޔާސީ ޕާޓީއެއް ރާއްޖޭގައި ނެތް ކަމަށާއި އެވިސްނުންތަކާ ދެކޮޅަށް ޝައުގުވެރިވެގެން އުޅޭ ޕާޓީއެއް ވެސް ނެތްކަމަށް ވިދާޅުވި އެވެ. އަދި ފިތުނަ އުފެއްދުމަށްޓަކައި އެފަދަ ވާހަކަތައް ދެއްކުމަކީ މިނިވަންދުވަހު އެކަމާ ދެކޮޅު ހަދަން ޖެހޭ ކަމެއް ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

މީހެ އިތުރުން، މިނިވަންކަމަކީ ބައިބައިވެގެން ހިފެހެއްޓޭނެ އެއްޗެއް ނޫންކަމަށާއި މިނިވަންކަމަކީ އެންމެން އެކަތިގަނޑަކަށް ވެގެން ހިފެހެއްޓޭނެ އެއްޗެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.