Last Updated: November 28, 13:13
Thursday, November 28, 2024
ޚަބަރު

އިންޑިއާ ސިފައިން ތިބުމަކީ މިނިވަންކަމަށް އޮތް ނުރައްކަލެއް

އުމަރު ނަސީރު

އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގެ ފަސްގަނޑުގައި ތިބި ތިބުމަކީ، މިނިވަން ކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުންދާ މިނިވަން ދުވަހާއި ގުޅިގެން އުމަރު ވިދާޅުވީ މިއަދަކީ އިނގިރޭސިންގެ އަތްދަށުން ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުތާ 59 އަހަރުފުރޭ މިނިވަން ދުވަހުގެ އިތުރަށް، އިންޑިޔާގެ އަސްކަރިއްޔާ ރާއްޖޭގައި ފައިހަރުކޮށްލިތާ 14 އަހަރާ، 4 މަހާ، 26 ދުވަސް ފުރޭ ދުވަސް ކަމަށެވެ.

އިންޑިޔާގެ އަސްކަރިއްޔާ ރާއްޖެއަށް އައީ 4 މާރިޗް 2010 ވަނަ އަހަރު، އޭރުގެ ސަރުކާރާ އެކު ހެދި ދެ އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުން ކަމަށާއި މި އެއްބަސް ވުމަށް 14 އަހަރު ފުރިގެން ދިޔައިރު އެމީހުން ގެ އުޅަނދުތަކާ، މީހުންގެ އަދަދު ދިޔައީ މައްޗަށް ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ކަނޑުން ބައެއް ގެއްލިފައިވާ ކަމަށާއި އެމީހުންގެ މަދަދުގައި ވެރިކަމަށް އަންނަ ޕާޓީތަކާ، އެމީހުންނަށް ފާޑުކިޔަމުން އަންނަ ޕާޓީތަށްވެސް ދަނީ މި އެއްބަސްވުން ދަމަހައްޓަމުން ކަމަށް އުމަރު ވިދާޅުވި އެވެ.

މީގެއިތުރުން ޚާރިޖީ ގުޅުންތަކާ ސަލާމަތީ ގުޅުންތަކުގައި އެންމެފަހު ބަސް އަދިވެސް ބުނަނީ އިންޑިއާ ކަމަށް އުމަރު ތުހުމަތު ކުރެއްވި އެވެ.

"އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގެ ފަސްގަނޑުގައި ތިބި ތިބުމަކީ، ދިވެހިރާއްޖޭގެ މިނިވަން ކަމަށް އޮތް ބޮޑު ނުރައްކަލެކެވެ،" އުމަރު ވިދާޅުވި އެވެ.

އުމަރު މިހެން ވިދާޅުވި އިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މިހާރު ފޮނުވާލާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ރާއްޖޭގައި އިންޑިއާގެ 88 ސިފައިން ހަރަކާތްތެރިވަމުން ގޮސްފައިވެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.