Last Updated: October 18, 10:18
Friday, October 18, 2024
މުނިފޫހިފިލުވުން

ފަރާގެ މަންމަ މަރުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ކޮރިއޮގްރާފަރު/ޑައިރެކްޓަރު ފަރާ ޚާންގެ މަންމަ މެނަކާ އިރާނީ މަރުވެއްޖެ އެވެ.

ބަލިވެ އުޅޭތާ ގިނަ ދުވަސްތަކެއް ފަހުން އޭނަ މިއަދު މަރުވި އިރު، އުމުރަކީ 79 އެވެ. މެނަކާގެ 79 ވަނަ އުފަން ދުވަސް ފާހަގަކުރީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އެގޮތުން ފަރާ އާއި ކޮއްކޮ ޑައިރެކްޓަރު ސާޖިދު ޚާން މަންމައާ އެކީ ނަގާފައިވާ ފޮޓޯތަކެއްގައި އުފަން ދުވަހުގެ ތަހުނިޔާ ވެސް ކިޔާފައިވެ އެވެ.

ފަރާ އާއި ސާޖިދުގެ މަންމަ މަރުވުމާ ގުޅިގެން ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ އާއިލާ އަށް ތައުޒިޔާ ކިޔަމުންނެވެ. ފިލްމީ އާއިލާއަކަށް މެނަކާ ނިސްބަތްވާ އިރު، އޭނަގެ ކޮއްކޮ އިން ކަމަށްވާ ހަނީ އިރާނީ އާއި ޑެއިޒީ އިރާނީ އަކީ ކުރިން ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ މީހުންނެވެ.

އެގޮތުން ޑައިރެކްޓަރުން ކަމަށްވާ ޒޯޔާ އަޚްތަރާއި ފަރުހާން އަޚްތަރުގެ މަންމަ ހަނީ އިރާނީ އަކީ ބޮލީވުޑްގެ ނުފޫޒު ގަދަ ސްކްރީން ރައިޓަރެއް ވެސް މެ އެވެ.

ބޮލީވުޑްގެ އެތައް ފިލްމެއްގެ ލަވަތަކުގެ ނެށުން ތައްޔާރުކޮށް ދީފައިވާ ފަރާ އަކީ "މޭ ހޫނާ" އާއި "އޯމް ޝާންތީ އޯމް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސް ޑައިރެކްޓަރެވެ.