ތިނަދޫގައި ބަންގްލަދޭޝްގެ ބަޔަކު މުޒާހަރާ ކުރި މައްސަލައިގައި އެ މީހުން ޑިޕޯޓްކުރަން ނިންމާފައިވާތީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ބަންގްލަދޭޝްގެ ބަޔަކު ތިނަދޫގައި މުޒާހަރާކުރީ އެ ގައުމުގައި މިހާރު ކުރިއަށްދާ މުޒާހަރާތަކާ ގުޅުވައިގެން އެކަމަށް ތާއީދުކޮށެވެ. މިއީ އެ ގައުމުގެ ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ނެގުމުގައި ގެންގުޅޭ އުސޫލާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރަކާތަކެކެވެ.
އެކަމާ ގުޅުވައި ތިނަދޫގައި އުޅޭ ބަންގްލޭޝްގެ ބަޔަކު މުޒާހަރާކުރި މައްސަލައިގައި ހޯމްލޭންޑް މިނިސްޓްރީން ބުނީ ބިދޭސީންނަށް ރާއްޖެ އައިސް ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށާއި އެއީ ވިސާގެ އުސޫލުތަކާ ވެސް މުޅިން ހިލާފު ކަމެއް ކަމަށެވެ. އެހެންވެ ތިނަދޫގެ މުޒާހަރާއާ ގުޅިގެން އެކަން އިންތިޒާމު ކުރުމުގައި އުޅުނު މީހުން ޑީޕޯޓްކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިކަމާ ގުޅިގެން ޓްރާންސްޕޭރެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އދ. ގެ އިންސާނީ ހައްގުތަކުގެ އާންމު ގަރާރުގެ 20 ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށް ވެސް ސުލްހަވެރިކަމާ އެކު އެއްވެ އުޅުމާއި ޖަމިއްޔާ ހެދުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އަދި އެއޫ ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ވެސް ލިބިފައިވާ ހައްގުތަކެއް ކަމަށާއި ގާނޫނުއަސާސީގެ 32 ވަނަ މާއްދާ އިން ކޮންމެ މީހަކަށް ވެސް ދައުލަތުގެ ހުއްދައެއް ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން ލިބޭ ކަމަށެވެ.
ބަޔާނުގައި ބުނީ ހޯމްލޭންޑް މިނިސްޓަރު އަލީ އިޙްސާން އިއްޔެ ނޫހަކަށް ދެއްވި އިންޓަވިއެއްގައި ބިދޭސީން "ސިޔާސީ ހަރަކާތްތަކުގައި" ބައިވެރިވުމަކީ ވިސާއާ ޚިލާފު އަމަލެއް ކަމަށް ވިދާޅުވެ އަނބުރާ ގައުމަށް ފޮނުވާލަން ޖެހޭކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
އެކަމަށް އިޝާރާތްކޮށް ޓްރާންސްޕޭރެންސީން ބުބީ ރައްޖޭގެ ގަނޫނުއަސާސީން ލިބިދޭ އަސާސީ ހައްގެއް ނިގުޅައިގަންނަ ގޮތަށް ވިސާގެ ޝަރުތެއް ކަނޑައެޅުމަކީ ގޫނޫނާ ޚިލާފު ކަމެއް ކަމަށެވެ. އަދި، މަސައްކަތްތެރީންނަށް ލިބިދޭ އަސާސީ ހައްގުތަކަށް ހުރަސް އަޅައި އެފަދަ ހަނިކުރުންތައް ބޭނުންކޮށްގެން ރާޢްޖޭގެ އެއްވެސް ގާނޫނަކާއި ގަވާއިދަކާ ޚިލާފު ނުވާހާ ހިނދަކު ރާޢްޖޭގައި ތިބި ބިދޭސީން ހައްޔަރުކޮށް، ވަޒީފާއިން ވަކިކޮށް، އަނބުރާ ގައުމަށް ފޮނުވާލުމަކީ ކަންބޮޑުވާ ކަމެއް ބުނެފައިވެ އެވެ.
އެހެންވެ މުޒާހަރާކުރި ބިދޭސީންގެ އެއްވެ އުޅުމުގެ ހައްގު ކަށަވަރުކޮށް ދިނުމަށާއި އެ ހައްގު ބޭނުން ކުރުމުން ޑީޕޯޓުކުރަން ނިންމާފައިވާ ނިންމުން ބާތިލުކުރުމަށް ވެސް ޓްރާންސްޕޭރަންސީ ސަރުކާރަށް ގޮވާލައިފަ އެވެ.