Last Updated: September 8, 03:07
Sunday, September 8, 2024
ދުނިޔެ

ލަންކާގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރުގައި

ލަންކާގެ މިހާރުގެ ރައީސް ރަނިލް.

ސްރީ ލަންކާގެ ރިޔާސީ އިންތިހާބު މި އަހަރުގެ ސެޕްޓެމްބަރުގައި ބާއްވަން ނިންމައިފި އެވެ.

އެ ގައުމުގެ އިލެކްޝަން ކޮމިޝަނުން ބުނީ އިންތިހާބު ބާއްވަން ތާވަލުކޮށްފައި ވަނީ ސެޕްޓެމްބަރު 21 އަށް ކަމަށެވެ. އެގޮތުން އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އަންނަ މަހުގެ 15 އާ ހަމައަށް ކެންޑިޑޭސީ އަށް ވެސް ހުޅުވާލައިފަ އެވެ.

މިއީ 2022 ކުރީކޮޮޅު ލަންކާ އަށް ދިމާވި މާލީ އަދި އިގުތިސާދީ ބޮޑު ތަދާ އެކީ އެ ގައުމު "ބަނގުރޫޓްވެ"، ކުރިމަތިވި ސިޔާސީ ބޮޑު ހާޖާނުގަނޑަށް ފަހު، ބޮޑު އިންތިހާބަކަށް ދާ ފުރަތަމަ ފަހަރެވެ. ދެހާސް ބާވީހުގައި އާންމުން ވަނީ ރައީސްގެ މަގާމުގައި ހުންނެވި ގޮޓަބަޔާ ރާޖަޕަކްސާ މަގާމުން އިސްތިއުފާ ދެއްވަން މަޖުބޫރުކޮށް ވެސް ކޮށްފަ އެވެ. ސިޔާސީ އެ ދިލަގަނޑުގެ ތެރޭގައި ފަހުން ރައީސް ކަމަށް އައްޔަންކުރީ ރަނިލް ވިކްރަމަސިންހަ އެވެ.

އޭނަ ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ވަރަށް ދުރާލައި އިއުލާން ވެސް ކުރައްވައިފަ އެވެ.

ރިޔާސީ އިންތިހާބަށް ދެން ނުކުންނަވާނެ ކަމަށް ބެލެވޭ ބޭފުޅުންގެ ތެރޭގައި މިހާރު އިދިކޮޅު ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ސަޖިތު ޕްރެމަދާސަ އާއި އަނޫރާ ކުމާރާ ޑިސަނަޔަކަ ހިމެނެ އެވެ.