Last Updated: September 8, 03:07
Saturday, September 7, 2024
ޚަބަރު

މޯލްޑިވިއަން އަށް ވައިޑް ބޮޑީ ބޯޓެއް ގެންނަން ސޮއިކޮށްފި

ގައުމީ އެއާލައިންގެ އޮޕަރޭޝަންތައް ފުޅާކުރުމަށް ވައިޑް ބޮޑީ މަތިންދާބޯޓެއް ގެނައުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އެއަރބަސް އޭ 330-200ގެ ވައިޑް-ބޮޑީ މަތިންދާބޯޓެއް ގެނައުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އައިލެންޑް އޭވިއޭޝަން އާއި ޓްރޫނޯޑްއާ ދެމެދުގަ އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާޒް ވިދާޅުވީ ވައިޑް ބޮޑީ މަތިންދާބޯޓު ގެނެވުމަކީ ބައިނަލްއަޤުވާމީ ދުނިޔޭގައި ރާއްޖޭގެ ގައުމީ އެއާލައިނަށް ވާދަކުރަން ހުޅުވޭ ދޮރެއް ކަމަށެވެ. މިއަހަރުގެ ފަހުކޮޅު ގެނެވޭ އެއާބަސް މަތިންދާބޯޓުގެ ދަތުރުތައް ފެށޭނެ ކަމަށާއި، އެންމެ ފުރަތަމަ ދަތުރުތައް ފަށާނީ ޗައިނާއަށް ކަމަށްވެސް އިޔާޒު ވިދާޅުވި އެވެ.

ވައިޑް ބޮޑީ އެއާކްރާފްޓް ތަކަކީ ގިނަ އަދަދެއްގެ ފަސިންޖަރުން އުފުލޭ ވަރުގެ ޖާގަ އޮންނަ ފުޅާ މަތިންދާބޯޓު ތަކެވެ. ދުރު ރާސްތާގެ ދަތުރުތަކުގައި ބޭނުންކުރާ މިފަދަ ބޯޓުތަކުގައި އާއްމުކޮށް ދެ އައިލް ހުންނައިރު އެވްރެޖުކޮށް 200-850 ފަސިންޖަރުން އުފުލޭނެ އެވެ.

މޯލްޑިވިއަން އަށް މިހާތަނަށް ވައިޑް ބޮޑީ އެއާކްރާފްޓެއް ގެނެސްފައެއް ނުވެ އެވެ.