Last Updated: September 8, 03:07
Sunday, September 8, 2024
ޚަބަރު

ސޮވެރިން ފަންޑު 65 މިލިއަން ޑޮލަރަށް ބޮޑުކޮށްފި

ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް 65 މިލިއަން ޑޮލަރު މިހާތަނަށް ޖަމާކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ސޮވެރިން ފަންޑުގައި ހުރީ ދެ މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް ފައިސާ ޗާޕުނުކޮށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދުގެ ނިޔަލަށް އެ ފަންޑަށް 65 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.

"މިއީ އަޅުގަނޑުމެން ބޭރުގެ ދަރަނި ދެއްކުމަށްޓަކާ ސަލާމަތް ކުރާ ފައިސާ،" ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މީގެކުރިން ވިދާޅުވި ގޮތުގައި މި އަހަރު ނިމޭއިރު ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި 100 މިލިއަން ޑޮލަރު ބެހެއްޓުމަކީ އަމާޒެއް ކަމަށް ވިދާޅުވެފަ އެވެ.

އެސްޑީއެފްއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރު، ރާއްޖެއިން ބޭރުން ނަގާ ލޯނުތައް ދެއްކުމަށްޓަކައި ފައިސާ ޖަމާކުރުމަށް އުފެއްދި ފަންޑެކެވެ.

މި އަހަރު އެކަނި ބޭރުގެ ދަރަނި އަދާ ކުރުމަށް 500 މިލިއަން ޑޮލަރު ދައްކަންޖެހޭކަން ފާހަގަކޮށްލެވެ އެވެ.