Last Updated: October 18, 05:52
Friday, October 18, 2024
ޚަބަރު

ޗައިނާއަށް ދައްކަން ޖެހޭ ލޯންތައް ފަސް އަހަރަށް ފަސްކޮށްދެނީ

ޗައިނާއަށް ރާއްޖެއިން ދައްކަން ޖެހޭ ލޯންތައް ފަސް އަހަރަށް ފަސްކޮށްދޭން ޗައިނާ ސަރުކާރުން ނިންމާނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ އަށް އެހީގެ ގޮތުގައި އަބަދުވެސް ދޭ ދެ ގައުމަކީ ޗައިނާ އާއި އިންޑިއާ ކަމަށާއި އެ ދެ ގައުމުން ވެސް ދަރަނި ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދެމުންދާ ކަމަށެވެ. އެގޮތުން އިންޑިއާ ސަރުކާރުން ދާދިފަހުން ރާއްޖެއިން ދައްކަން ޖެހުނު 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފައިވާ ކަމަށާއި އަދި ކާބޯތަކެތީގެ ކޯޓާ ދެ އަހަރު ދުވަހަށް އިތުރުކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ޗައިނާގެ އެގްޒިން ބެންކުން ނަގާފައިވާ ލޯނުތައް ވެސް ކުރިއަށް އޮތް ފަސް އަހަރަށް ލޯނާއި އިންޓްރެސްޓް ދެއްކުން ފަސްކޮށް ދިނުމަށް ނިންމާނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކަމުގެ ފަންނީ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. ޔޫއޭއީއަށް ދައްކަން އޮތް ލޯން ވެސް ކުރިއަށް އޮތް ފަސް އަހަރަށް ލަސްކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައި،" ރައީސް ވިދާޅުވި އެވެ.

މިނިވަންކަން ގައުމަކަށް ލިބެނީ ތިން ކަމެއް ލިބިގެން ކަމަށާއި އެއީ އިޤުތިޞާދީ ސިޔާދަތު ޔަގީންވެގެންނާއި އަމިއްލަ ވަންތަކަމުގެ ސިޔާދަތު ޔަގީން ވެގެންނާއި އަދި ދިފާއީ ސިޔާސަތު އެގައުމަކަށް ޔަގީންވެގެން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.