Last Updated: October 18, 05:52
Friday, October 18, 2024
ޚަބަރު

ކޮރަޕްޝަން ނައްތާލަން ދުވަހަކު ނުކުރާ ފެންވަރަށް މަސައްކަތް ކުރާނަން

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއިން ކޮރަޕްޝަން ނައްތާލަން ދުވަހަކު ނުކުރާ ފެންވަރަށް މި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކޮރަޕްޝަން ނައްތާލުމަކީ އިގްތިސާދު ހަރުދަނާކުރުމަށްޓަކާ އަދި ރަނގަޅު ވެރިކަމުގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމަށްޓަކާ ވެސް މުހިއްމު ކަމެއް ކަމަށެވެ.

"ކޮރަޕްޝަން ނައްތާލުމަށް މިސަރުކާރުން މަސައްކަތް ކުރާނަން ދުވަހަކު ރާއްޖޭގައި ނުކުރާ ފެންވަރަށް. މި ސަރުކާރުން ކޮރަޕްޝަން ނައްތާލަން އަހަމިއްޔަތުކަން ދޭނީ ދުވަހަކު ވެސް ރާއްޖޭގައި ނުކުރާ ފެންވަރަށް. ދެފުއްފެންނަ ސަރުކާރެއް އަޅުގަނޑުމެން ހިންގާނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފިނޭންސް މިނިސްޓްރީން އެކި ފަރާތްތަކަށް ދޫކުރާ ފައިސާއަކީ ކޮން ކަމެއްކޮށްގެން، ކޮން ފަރާތަކަށް ދޭން ޖެހޭ ފައިސާކަން އެންމެނަށް އެނގޭ ގޮތް ހަދަން ނިންމާފައިވާ ކަމަށެވެ.

"އޭރުން މިތާ އޮތް ބިލް މައްޗަށް ލާކަށް ނުކެރޭނެ. ތަރުތީބުން ދާނީ. ތަރުތީބުން ގެންދަން ފުރުސަތު ހުޅުވާލީމާ ދެނެއް އެއްވެސް މީހަކަށް އިނގިލި ދިއްނުކުރެވޭނެ ވަކި މީހަކަށް ފޭވާ ކުރީ ކަމަކަށް. އެހެންވީމަ ނިޒާމެއް މިގާއިމު ކުރެވެނީ،" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ވެސް ހޯއްދަވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެ ހިޔާނަތުން އެމަނިކުފާނަށް ލޯ ލާރިއެއް ވެސް ލިބިވަޑައިގެންފައި ނޯންނާނެ ކަމަށާއި އެ ހިޔާނާތުގެ ފައިސާ ހޯދަން އެމަނިކުފާނު ބިރުފުޅުގަންނަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.

އަދި ހަގީގީ މާނައިގައި މި ސަރުކާރުން ރާއްޖޭން ކޮރަޕްޝަން ނައްތާލަން މަސައްކަތް ކުރާނެ ކަމަށާއި މިއީ އިގްތިސާދު ހަރުދަނާ ކުރުމަށްޓަކާ ވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވާއިރު މިފަދަ ކަންކަން ނުކޮށް އިހުލާސްތެރިކަމުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.