Last Updated: September 8, 03:07
Sunday, September 8, 2024
ޚަބަރު

ބްރިޖު މަސައްކަތުގެ ސްޕީޑް އަވަސްވެއްޖެ

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރު އައިފަހުން ތިލަމާލެ ބްރިޖު މަސައްކަތުގެ ސްޕީޑް އަވަސް ވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، އެ ބްރިޖުގެ މަސައްކަތް ކުރިއަށްދާތާ 27 މަސް އޮތީ ވެފައި ކަމަށާއި އެ މުއްދަތުގައި ނިންމުނީ ބްރިޖުގެ 29 ޕަސެންޓް މަސައްކަތް ކަމަށެވެ. ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވެ، މިވީ 8 މަސްތެރޭގައި އެކަނި ވެސް ބްރިޖުގެ 12 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެން ގޮތަކަށް ދަންނަވަންޏާ، އޭގެ ކުރީގެ މުއްދަތަށް ވުރެ 50 ޕަސެންޓް ބާރު ސްޕީޑުގައި މި ސަރުކާރު އައިފަހުން އެ މަޝްރޫއުގެ މަސައްކަތް ވެސް އެ ހިނގަނީ،" ރައީސް ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖު މަޝްރޫއުގެ 40 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.

އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ އން ކުރިއަށް ގެންދާ ތިލަމާލެ ބްރިޖުގެ މި މަޝްރޫއުއަކީ 7 ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫއުއެކެވެ. މި މަޝްރޫއު އަކީ އެ ގައުމުގެ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ދަށުންނާއި ބާކީ ބައި ސަރުކާރުން ހަރަދު ކުރާގޮތަށް ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.