Last Updated: October 18, 05:52
Friday, October 18, 2024
ޚަބަރު

އަންނަ އަހަރުން ފެށިގެން މީޑިއާތަކަށް ބަޖެޓުން ފައިސާ

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

އަންނަ އަހަރުން ފެށިގެން މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރު ހިންގަމުން އަންނަނީ މީޑިއާތަކާއި ގާތުން، މީޑިއާތަކަށް އެހީތެރިކަންދޭ ސަރުކާރެއްގެ ގޮތުގައި ކަމަށާއި ދުވަހަކު ވެސް މީޑިއާތަކަށް ނުދޭ ސަމާލުކަން މި ސަރުކާރުން ދޭނެ ކަމަށެވެ.

"މި އަންނަ އަހަރުން ފެށިގެން ފާސްވާ ކޮންމެ ބަޖެޓެއްގައި މީޑިއާތަކަށް ވަކި އިންސައްތައެއް، ސިޔާސީ ޕާޓީތަކަށް ދޭ ފަދައިން ވަކި އިންސައްތައެއް ދޭނެ. އެއީ އަޅުގަނޑުމެންވީ ވައުދެއް، އެކަން ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މީޑިއާ ވިލެޖެއް ހަދަން ވެވަޑައިގެންނެވި ވައުދު ވެސް ފުއްދާނެ ކަމަށާއި އެގޮތުން މީޑިއާ ވިލެޖް ގާއިމުކުރާނީ ހުޅުމާލޭގައި އެސްޓީއޯ އިން ހަދާފައިވާ ހޮޓެލް އިމާރާތުގައި ކަމަށެވެ. އެ ތަނުން މީޑިއާތަކަށް ހަމަޖެހޭ އުސޫލުން ވަރަށް ކުޑަ އަގެއްގައި އޮފީސް ހިންގަން ޖާގަ ހަމަޖައްސައިދޭނެ ކަމަށާއި އެތަނުގައި މީޑިއާތަކަށް ބޭނުންވާ ސްޓޫޑިއޯތައް ހަދައި ވަސީލަތްތައް ގާއިމުކޮށްދޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"މީޑިއާތަކަށް ދުވަހަކު ނުލިބޭ ފަދަ ރަނުގެ ފުރުސަތުތައް އެތަނުން ފޯރުކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

މީޑިއާ ވިލެޖް ގާއިމުކުރުމުގެ މަސައްކަތް އަހަރު ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށާއި މީޑިއާތަކުން ހަރަކާތްތެރިވާން ވާނީ ޒިންމާދާރު ކަމާއެކީ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.