Last Updated: November 28, 11:48
Thursday, November 28, 2024
ޚަބަރު

އެމްއެމްޕީއާރްސީން ގެއްލުނު ފައިސާ ހޯދަން ބިރެއް ނުގަނޭ

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

އެމްއެމްޕީއާރްސީން ގެއްލުނު ފައިސާ ހޯދަން ބިރު ނުގަންނަ ކަމަށާއި އެ ފައިސާ ހޯދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމްއެމްޕީއާރްސީ އާއި އެފަދަ އެހެން ވައްކަންތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން ބިރުން މިދިޔަ ދުވަސްތަކުގައި ދިޔަ ދިޔުން ނިމުމަކަށް ގެނެސްފައިވާ ކަމަށާއި އެ ފައިސާ ހޯދަން މަސައްކަތް ކުރަން ބިރު ނުގަންނަ ކަމަށެވެ.

"އިރާދަކުރެވިއްޔާ އެ ފައިސާ ހޯދާނަން. ގައިމު ވެސް އަޅުގަނޑެއް ނޯންނާނެ އެކަމުގައި އެންމެ ލޯ ލާރިއެއް ވެސް، އެއިން އެއްވެސް ބޭފުޅަކު އަތުން އެއްވެސް ކަމެއްގައި ދުވަހަކު ވެސް ހޯދާފައެއް. އެހެންވީމާ އަޅުގަނޑު ބިރުގަންނަންޖެހޭ އެއްވެސް ކަމެއް ނެތެއް ނޫންތޯ،" ރައީސް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީން ގެއްލުނު ފައިސާ ފަދައިން ދައުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ހޯދުމަށް ހާއްސަ ގާނޫނެއް ތައާރަފް ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކުށް ސާބިތުވެ އަދަބު ދީފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދު ޒިޔަތުގެ މައްޗަށެވެ. އެބޭފުޅުންގެ ގޭ ބަންދުގައި ތިބެގެން ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވެރިކަމުގެ ދައުރު ނިމެން ތިން ދުވަހަށް ވެފައިވަނިކޮށް އެ ދެ ބޭފުޅުންނަށް މައާފުދެއްވައި، މިނިވަންކުރައްވާފަ އެވެ.