މިފްކޯގެ ހިންގުން ހަރުދަނާކޮށް، އެ ކުންފުންޏަކީ ފައިދާވާ ވަރުގަދަ ކުންފުންޏަކަށް ހެދުމަށްޓަކައި ކުންފުނީގެ އެންމެ އިސްވެރިޔާގެ މަގާމަށް ދެން ގެންނާނީ ބޭރުގެ ތަޖުރިބާކާރު ބޭފަޅަކު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިއްޔެ ފާހަގަކުރި ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ މިހާރު ވަރަށް ހާލުގައި އޮތް ސަރުކާރުގެ މަސް ކުންފުނި ރިފޯފް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އެކަން މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. ރައީސް ވިދާޅުވީ މިފްކޯ ނަގައި ކޮޅަށް ޖަހައި، އެ ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ހިންގުން ވަރަށް ބޮޑު ހަރުދަނާ ކުރަން ޖެހިފައިވާ ކަމަށެވެ.
އެގޮތުން މިފްކޯ ހިންގުމަށް ބޭރުގެ ތަޖުރިބާކާރެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެންމެ ބޮޑު ކަމަކަށް މިހާރު ކުރެވޭ ކަމަކީ މިފްކޯ ދެން ނަގައިކޮޅަށް ޖެހޭނީ ދުނިޔޭގެ ފެންވަރުގެ ރާއްޖެއިން ބޭރުން އެންމެ މަތީ ފެންވަރުގައި ކުންފުނިތައް ހިންގާފައި ހުރި ފެންވަރުގެ ރަނގަޅު ހިންގުންތެރި ތަޖުރިބާކާރު މީހަކު ހަޔަރކޮށްގެން ގެނެސް މިފްކޯއާއި ހަވާލުކޮށްގެންކަން،" ރައީސް ވިދާޅުވި އެވެ. "އެކަމަށްޓަކައި މިހާރު މަސައްކަތް މިކުރަނީ. ދިވެއްސަކަށް ނުކުރެވޭނެ ވާހަކައެއް ނޫން."
ރައީސް ވިދާޅުވީ، މިފްކޯ ހިންގަން ގެންނަ ތަޖުރިބާކާރު ވާނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި އުޅޭ އެއްވެސް ފަރާތްތަކާ އެއްވެސް ވަރަކަށް ގުޅުމެއް ނެތް، ނުފޫޒުން އެއްކިބާވެފައިވާ ބޭފުޅަކަށް ކަމަށެވެ.
ރައީސް މިގޮތަށް ވިދާޅުވި އިރު، މިފްކޯ އަށް ބޭރުގެ ސީއީއޯއެއް/އެމްޑީއެއް ހޯދަން މިދިޔަ މަހުގެ ފަހުކޮޅު އިއުލާން ވެސް ކުރި އެވެ. ނަމަވެސް ކުރިމަތިލާން ދިން މުއްދަތުގެ ތެރޭގައި އެކަށީގެންވާ ފެންވަރުގެ ބޭފުޅަކު ކުރިމަތިލާފައި ނުވާތީ އެ އިއުލާން ވަނީ ބާތިލުކޮށްފަ އެވެ.
މިފްކޯ އަކީ ނޮވެމްބަރު 1، 1993 ގައި އުފެއްދި ކުންފުންޏެކެވެ.
މިފްކޯގެ ސީއީއޯ/އެމްޑީގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އަހްމަދު ޝަމާހު އެވެ.