Last Updated: November 27, 21:29
Wednesday, November 27, 2024
މުނިފޫހިފިލުވުން

ރަންވީރު އަލުން "ޕަދުމާވަތު" ލުކަށް

މީގެ ހަ އަހަރު ކުރިން ރިލީޒްކުރި ފިލްމު "ޕަދުމާވަތު" ގައި އެކްޓަރު ރަންވީރު ސިންގް ކުޅުނު ކެރެކްޓާ އިން އޭނަ ދައްކުވައި ދިން ގޮތާ ދާދި އެއް ކަހަލަ ލުކަކަށް އާ ފިލްމަށް ތައްޔާރުވެއްޖެ އެވެ.

މި ފިލްމަކީ 2019 ގެ ކާމިޔާބު ވަތަނީ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެނެސްދިން އަދިތިޔާ ދާރް ޑައިރެޓްކުރަން ހަމަޖެހިފައިވާ "ދުރަންދާރު" އެވެ. މީގެ މައިގަނޑު ކާސްޓް ވެސް މިއަދު ރަސްމީކޮށް ވަނީ ދައްކާލައިފަ އެވެ.

ދިގު އިސްތަށިގަނޑަކާއި ދިގު ތުނބުޅިއަކާ އެކީ ރަންވީރު ފެންނާ ފިލްމުގެ ކާސްޓްގައި ސަންޖޭ ދަތު، އަކްޝޭ ކަންނާ، އަރުޖުން ރާމްޕާލް އަދި އާރް މާދްވަން ހިމެނޭކަން ކަށަވަރުކޮށް ދީފައިވާ އިރު، މީޑިއާތަކުން ބުނީ ފިލްމުގެ ޝޫޓިން މި މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.

"ދުރަންދާރު" ގެ ފިރިހެން ކާސްޓް އިއުލާންކުރި ނަމަވެސް މީގެ ބަތަލާއިންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ.

ރަންވީރު މިއަދު އިންސްޓަގްރާމް ޕޯސްޓެއްގައި ބުނީ އާ ފިލްމަކީ ފޭނުންނަށް ވަރަށް ހާއްސަ ފިލްމެއް އެއްޗެއް ކަމަށާއި މިއީ ބެލުންތެރިންނަށް ވަރަށް ތަފާތު ތަޖުރިބާއެއް ގެނެސްދޭނެ ފިލްމެއް ކަމަށެވެ.

އަދިތިޔާގެ ބީ62 އާއި ޖިއޯ ސްޓޫޑިއޯސް ގުޅިގެން ހަދާ "ދުރަންދާރު" އަކީ ބޮޑު ބަޖެޓަކުން ހަދަން ހަމަޖެހިފައިވާ ވަތަނީ އެކްޝަން ފިލްމެކެވެ. އޭނަ ދެން އެންމެ އަވަހަށް ފެންނާނީ ނޮވެމްބަރުގައި ރިލީޒް ކުރަން ހަމަޖެހިފައިވާ "ސިންގަމް އެގެއިން" އިންނެވެ.

މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާ ރަންވީރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ކަރަން ޖޯހަރް ގެނެސްދިން ރޮމޭންޓިކް ކޮމެޑީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ.