ތިލަފުށި، ގިރާވަރު އަދި އުތުރުތިލަފަޅު ގުޅުވާލާ ބުރިޖްގެ އަމަލީ މަސައްކަތް 2026 ގައި ފެށުމަކީ އަމާޒުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ ތިލަފުށިން ގިރާވަރަށް އަދި ގިރާވަރުން އުތުރުތިލަފަޅަށް ބްރިޖެއް ނެތް ކަމަށެވެ. މިފަހުން ތިން ވަޒީރަކު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އޭއައިއައިބީގެ ރައީސާ ބައްދަލުކުރައްވާއި މި މަސައްކަތުގެ ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލާފައިވާކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ އަމާޒަކީ 2026 ގައި މި ދެ ބްރިޖްގެ އަމަލީ މަސައްކަތް ފެށުން ކަމަށެވެ. އަދި 2029 ނިމެންވާއިރަށް އުތުރު ތިލަފަޅާހަމައަށް ބްރިޖް ނިންމާލުމަކީ އަމާޒެއް ކަމަށާއި އެކަން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
2026 ގައި މި ދެ ބްރިޖްގެ މަސައްކަތް ފައްޓަވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، މާލެ ވިލިނގިލި އަދި ވިލިނގިލި ތިލަފުށި ބްރިޖުން ގުޅާލުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.