Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

އިންޑިއާ ދިން ޑޯނިއާ ބޯޓް އަލުން ބޭނުން ކުރަނީ

ރާއްޖޭގައި ބޭނުން ކުރަމުން އައި އިންޑިއާގެ ޑޯނިއާ މަތިންދާބޯޓްގައި އަލުން ބަލި މީހުން އުފުލަން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ ބޯޓަކީ އިންޑިއާ ސަރުކާރުން ރާއްޖެ އަށް ހަދިޔާކޮށްފައި އޮތް ވައިގެ އުޅަނދުތަކުގެ ތެރެއިން އެކައްޗެވެ. މި ސަރުކާރުން ވަނީ ޑޯނިއާ އާއި ދެ ހެލިކޮޕްޓަރުގެ އޮޕަރޭޝަނަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލައި، އެ އެއްޗެހި ބޭނުން ކުރަން ހުއްޓާލައިފަ އެވެ.

އެކަން ކުރީ ރައީސްގެ ރިޔާސީ ވައުދެއްގެ ގޮތުގަ އެވެ.

އިއްޔެ ފާހަގަކުރި ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ރޭ ވިދާޅުވީ ޑޯނިއާ މަތިންދާބޯޓް މިހާރު އަލުން ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން ބަލި މީހަކު ގޮވައިގެން އެ ބޯޓު ރޭ ހަނިމާދޫން މާލެ އަށް ގެންގޮސްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިލިޓަރީގެ ބަދަލުގައި މަދަނީ މީހުން އޮޕްރޭޓު ކުރަންފެށިފަހުން ފްލައިޓު ބަލި މީހަކު ގޮވައިގެން މާލެއަށް އެއައީ އިންޑިއާގެ ޕްލެޓްފޯމުގައި." ރައީސް ވިދާޅުވި އެވެ. "އެކަމަށް އިންޑިއާ ސަރުކާރަށް ޝުކުރު ދަންނަވަން."

އިންޑިއާ އިން ދިން އުޅަނދުތައް ބޭނުން ކުރަން ހުއްޓާލައި ސަރުކާރުން ވަނީ ބަލި މީހުން އުފުލަން މޯލްޑިވިއަންގެ ބޯޓްތަކެއްގައި އެއާ އަދި ސީ އެމްބިއުލާންސްގެ ހިދުމަތް ދޭން ފަށައިފަ އެވެ. އަދި ވަރަށް އަވަހަށް އަމިއްލަ ހެލިކޮޕްޓަރު ވެސް ބޭނުން ކުރަން ފަށާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.