ބޮލީވުޑްގެ ތަރި ވަރޫން ދަވަންގެ ފުރަތަމަ ވެބް ސީރީޒް ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވާކަމުގެ އިޝާރާތެއް ދީފި އެވެ.
މިދިޔަ އަހަރުގެ ތެރޭގައި ޝޫޓިން ނިންމާފައި އޮތް މި ސީރީޒަކީ ރާޖް އެންޑް ޑީކޭ ޑައިރެކްޓްކޮށްފައިވާ "ސިޓަޑެލް: ހަނީބަނީ" އެވެ. މިއީ މިދިޔަ އަހަރުގެ ކުރީކޮޅު އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން ޕްރިޔަންކާ ޗޯޕްޅާ އާއި ރިޗަޑް މެޑެންގެ "ސިޓަޑަލް" އާ ގުޅުވައިގެން ގެނެސްދޭ އިންޑިއާގެ ވާޝަނެވެ.
އެގޮތުން "ސިޓަޑެލް: ހަނީބަނީ" އާ ގުޅޭ އާ ކަންތައްތަކެއް އަންނަ މަހުގެ 1 ގައި ގެނެސް ދޭނެކަން އޭގެ ޓީމުން މިހާރު ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އެގޮތުން ވަރޫން އިންސްޓަގްރާމް ޕޯސްޓެއްގައި ބުނީ "އޮގަސްޓް 1 ގައި އުފާވެރި ޚަބަރަކަށް އުންމީދުކޮށްގެން" ހުރި ކަމަށެވެ.
ރާޖް އެންޑް ޑީކޭ ވެސް ހަމަ މިފަދަ ޕޯސްޓެއް ކޮށްފައިވެ އެވެ.
ވަރޫންގެ ފުރަތަމަ ވެބް ސީރީޒްގެ ބަތަލާ އަކީ އިންޑިއާގެ ދެކުނުގެ މަޝްހޫރު ބަތަލާ ސަމަންތާ ރޫތު ޕްރަބޫ އެވެ. "ސިޓަޑެލް: ހަނީބަނީ" އަކީ ވެސް އެމެޒޯން ޕްރައިމުން ގެނެސްދޭނެ އެެއްޗެކެވެ.
ވަރޫންގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރަށް ތާވަލުކޮށްފައި އޮތްް އެކްޝަން ތުރިލާ "ބޭބީ ޖޯން:" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" އާއި "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" ހިމެނެ އެވެ.