ހޮލީވުޑްގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި އެހެންވެ ފިލްމަކުން ކިތަންމެ ކުޑަކުޑަ ރޯލެއް ލިބުނަސް ގަބޫލުކުރާނެ ކަމަށް ބޮލީވުޑްގައި މިހާރު ފިޔަ ޖަހަން ފަށާފައިވާ ޒުވާން ބަތަލާ ޓްރިޕްތީ ދިމްރީ ބުނެފި އެވެ.
ސިނަމާތަކުގައި މިހާރު ބޮޑު ތަރުހީބެއް ހޯދަމުން އަންނަ "ބޭޑް ނިއުސް" ގެ ބަތަލާ ވެރައިޓީ އަށް ދިން އިންޓަވިއުއެއްގައި ބުނީ ހޮލީވުޑްގައި މަސައްކަތްކުރާ ވައްޓަފާޅި ވަރަށް ކަމުދާ ކަމަށެވެ. އަދި ހޮލީވުޑުން ފުރުސަތެއް ހޯދަން މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި އެފަދަ ފުރުސަތަކަށް އުންމީދު ވެސް ކުރާ ކަމަށް ބުންޏެވެ.
"އެހެންވެ ކިތަންމެ ކުޑަކުޑަ ރޯލެއް ހޮލީވުޑްގެ ފިލްމަކުން ލިބުުނަސް އަހަރެން އެއަށް އެއްބަސްވާނަން. އަހަރެން ގަބޫލު ކުރަނީ އެފަދަ ފުރުސަތެއްގެ ބޭނުން ހިފައިފި ނަމަ ކުރިއަށްދާ ވަރަށް ބޮޑަށް ދޮރު ވެސް ހުޅުވިގެން ދާނެ ކަމަށް." 30 އަހަރުގެ ބަތަލާ ބުންޏެވެ.
ޓްރިޕްތީ ބުނި ގޮތުގައި އޭނަ މިހާރު ވެސް އަންނަނީ ފުރުސަތެއް ލިބޭތޯ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އޮޑިޝަނަކަށް ގޮވައިލާނެ އިރަކަށް އަބަދު ވެސް ތައްޔާރަށް ހުންނާނެ ކަމަށް ބުންޏެވެ.
ކުރީގެ ބަތަލާ ސްރީދޭވީގެ 2017 ގެ ފިލްމު "މޮމް" އިން ބޮލީވުޑް ދަތުރު ފެށި، ޓްރިޕްތީގެ މަގުބޫލުކަމާއި މަޝްހޫރުކަން އިތުރުވީ މިދިޔަ އަހަރު ރިލީޒްކުރި ރަންބީރް ކަޕޫރްގެ "އެނިމަލް" ގައި ކުޅުނު ކުރު، އެކަމަކު "ބޯލްޑް" ކެރެކްޓާގެ ސަބަބުންނެވެ.
އޭގެ ފަހުން އޭނަގެ ޑިމާންޑް ބޮޑުވެ، ބޮލީވުޑުން އަންނަނީ އޮފާތައް އޮހެމުންނެވެ.
މި މަހުގެ 19 ގައި ރިލީޒްކުރި "ބޭޑް ނިއުސް" ވަރަށް ކާމިޔާބު ފިލްމަކަށްވެފައިވާ އިރު، ޓްރިޕްތީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދަޅަކް 2" އާއި "ވިކީ ވިދިއާ ކާ ވޯ ވާލާ ވީޑިއޯ" އަދި "ބޫލް ބުލައްޔާ 3" ހިމެނެ އެވެ. އަދި "ބޫލް ބުލައްޔާ 3" ގެ ބަތަލު ކާތިކް އާރިއަނާ އެކީ، ޑައިރެކްޓަރު އަނޫރާގް ބާސޫގެ އަސަރު ގަދަ ލޯބީގެ ފިލްމަކަށް ވެސް ކުރިއަރަމުން އަންނަ ބަތަލާ ސޮއިކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ދަނޫޝްއާ އެކީ ޑައިރެކްޓަރު އާނަންދު އެލް ރާއީ ހަދަން އުޅޭ އާ ފިލްމު "ތެރެ އިޝްގް މޭ" ގެ ބަތަލާ އަކީ ވެސް ޓްރިޕްތީ އެވެ.