ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދުވެސް ވިއްސާރަ ކުރާނެ ކަމަށް މޫސުމަށް ސަމާލުވާން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ލަފާކޮށްފި އެވެ.
މެޓް އޮފީހުން މިއަދު އިރުއޮއްސި 6 ގެ ނިޔަލަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން ވެސް އެކަށީގެންވެ އެވެ.
މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް މިރޭ ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ.
މެދު ރާއްޖެތެރެ އާއި އުތުރުގެ ކަނޑުތައް އަދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އަދި ދެކުނު ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ނަމަވެސް ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ.