ދިވެހި އުފެއްދުންތެރިންގެ ދަފުތަރެއް އެކުލަވައިލުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ފަށައިފިއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވައިލާ މި ދަފުތަރުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގައި ވިއްކައިގެންނާއި ރާއްޖެ އިން ބޭރަށް އެކްސްޕޯޓްކޮށްގެން އާމްދަނީ ހޯދުމަށް ތަކެތި އުފައްދާ ފަރާތްތަކުގެ މަޢުލޫމާތު ދެނެގަނެ، އެ ފަރާތްތަކުގެ މަސައްކަތް ކުރިއަރުވަން މަގުފަކޮށް ދިނުމެވެ.
އެގޮތުން ރާއްޖެ އިން ބޭރުގެ މާކެޓްތަކަށް އެކްސްޕޯޓް ކުރެވޭނެ އުފެއްދުންތައް ދެނެގަނެ، ރާއްޖެއާ އެކީ މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކާއި އެ ނޫން ވެސް ވިޔަފާރީގެ އެއްބަސްވުންތަކަށް ވަދެފައިވާ ގައުމުތަކަށް އެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް ހުރި ފުރުސަތުތައް ބަލައި އެ ފުރުސަތުގެ ބޭނުން ހިފުމަށް މަގުފައިކޮށް ދިނުމަކީ ވެސް ދަފުތަރުގެ ބޭނުމެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ އެފަދަ މަސައްކަތްތައް ކުރާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، ސަރުކާރުގެ އެކި ސިޔާސަތުތައް މެދުވެރިކޮށް އެ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ ދިވެހި މަސައްކަތްތެރިންގެ އުފެއްދުންތެރިކަން އިތުރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްދު ވަރަށް ބޮޑަށް ބޭނުންވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.
އެގޮތުން ދިވެހި އިގުތިސާދު ސިންދަފާތުކޮށް އުފެއްދުންތެރިކަށް އިތުރުކޮށް އެކްސްޕޯޓު އިތުރުކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.
ރަޖިސްޓްރީވުމުފެ ފުރުސތު ވަނީ އަންނަ މަހުގެ 15 އާ ހަމައަށް ހުޅުވާލައިފަ އެވެ. ރަޖިސްޓްރޭޝަން ފޯމު ނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އެވެ.
ދިވެހި އުފެއްދުންތަކުގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ފެށި އިރު، އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ބިޒްނެސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން ދާދި ފަހުން ވަނީ ދިވެހި އުފެއްދުންތައް ޕްރޮމޯޓް ކުުރަން "ދިވެހިންނަށް އިސްކަން" ގެ ނަމުގައި ކެމްޕޭނެއް ވެސް ފަށައިފަ އެވެ.
މި ކެންޕޭނުގެ މަގުސަދަކީ ދިވެހި މަސައްކަތްތެރިން އުފައްދާ އުފެއްދުންތަކުގެ މަޤުބޫލުކަން އިތުރުކޮށް އެ ފަރާތްތަކުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް ދިވެހި އުފެއްދުންތަކަށް އިސްކަންދީ ޢާންމުންގެ ޝައުގުވެރިކަން އިތުރުކުރުމެވެ.