ކުށުގައި އުޅޭ ކުޑަކުދިން އިސްލާހުކުރަން ހަދަން ނިންމާފައިވާ "ހޯޕް އައިލެންޑް" ގެ ގޮތުގައި ބޭނުން ކުރާނީ ދ. ވާނީ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އެ ރަށުގައި އެއްފަހަރާ 400 ކުދިން ބައިތިއްބައިގެން ރިހެބިލިޓޭޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ފަތިސް ނަމާދުން ފެށިގެން، ދީނުގައި މަޖުބޫރުކުރާ ހުރިހާ ކަމެއް އެ ކުދިން ލައްވައި ކުރުވައި، ރަސްމީ ތައުލީމާއި ކަސްރަތު ކުރުން އަދި އެކި ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ "ހޯޕް އައިލޭންޑް" ގައި ތިބޭ ބަންދު ދުވަސްތަކުގައި އެ ކުދިން ގާތަށް އެއްފަހަރާ 60 އާއިލާއަކަށް ގޮސް ތިބެވޭނެ ގޮތަށް އެކޮމޮޑޭޝަން ވެސް ހަމަޖައްސާނެ ކަމަށެވެ.
"އާއިލާތަކަށް ރައްކާތެރި މާހައުލެއް ނުދެވިފައި އަދި މުޖުތަމައު އެ ކުދިންނަށް ރައްކާތެރި މާހައުލެއް ނުދެވިފައި އޮތް އޮތުމުގައި ހައްލަކަށް އަޅުގަނޑުމެން މި ގެންނަނީ މި ދަންނަވާ ހޯޕް އައިލެންޑު،" އިހުސާން ވިދާޅުވި އެވެ. "ހޯޕް އައިލެންޑޭ މި ކިޔަނީ، އުއްމީދެއް މި ގެނެސް ދެނީ މި ކުދިންނަށް ވެސް އަދި ކުދިންގެ މައިންބަފައިންނަށް ވެސް އެ ކުދިން އުޅެމުންދާ މުޖުތަމައު އަދި މުޅި ގައުމަށް ވެސް ދެނީ އުއްމީދެއް މިހާރު ކުށުގެ މާހައުލުގައި އަދި ކުށަށް އަރައިގަތުމުގެ ރިސްކުގައި މި ތިބަ ކުދިން، ކުރިއަށް އޮތް ތަނުގައި ގައުމުގައި ބޭނުންތެރި ބަޔަކަށް، ޒުވާނުންތަކަކަށް ހެދިގެންދާނެ އެކަމުގެ އުންމީދުގައި."
ކުށުގެ ވެށިން ކުޑަކުދިން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ސަރުކާރުން ވަނީ ކުޑަކުދިންގެ އަދުލުގެ ނިޒާމް ފުރިހަމަ ކުރުމަށްޓަކައި ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ކަމަށް މިހާރު ކަނޑައަޅާފައިވާ 15 އަހަރުގެ ބަދަލުގައި 12 އަހަރެވެ.
މިނިސްޓަރު ވިދާޅުވީ ގާނޫނު މިހާރު އޮތް ގޮތުން ވެސް އުމުރުން 15-18 އަހަރާ ދެމެދުގެ ކުދިން ޖިނާއީ މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ކަމަށެވެ. ނަމަވެސް، ކުށުގެ ޒިންމާ އުފުލާ އުމުރު ދަށްކުރަނީ 12-15 އަހަރާ ދެމެދުގެ ކުދިން ކުށްތަކަށް ވައްދާ ވަރު އިތުރުވެފައިވާތީ ކަމަށާއި އެ ކުދިން ކުށުގެ މާހައުލަށް ހޭނިފައިވާ ކަމަށް ވިދާޅުވި އެވެ.
އިހުސާން ވިދާޅުވި ގޮތުގައި، ގާނޫނަށް ބަދަލުތައް ގެނައި ނަމަވެސް އުމުރުން 12-15 އަހަރާ ދެމެދުގެ ކުދިން ޖަލަށް ލުމުގެ އެއްވެސް ވިސްނުމެއް ނޯންނާނެ އެވެ.