މިފްކޯ އަށް މަސްވެރިން ކިރާ މަހަށް ގިނަވެގެން ދެން ހަފުތާގެ ތެރޭގައި ފައިސާ ދޫކުރެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
އެސްއެސްޓީވީގައި މިނިސްޓަރު ރޭ ވިދާޅުވީ ބެކްލޮގްގައިވާ ހުރިހާ ފައިސާއެއް ވެސް ދައްކައި ނިމިފައިވާ ކަމަށާއި މިހާރު ހަމަޖެހިފައިވާ އިންތިޒާމުތަކުން މަސް ކިރާތާ ދެ ހަފުތާ ތެރޭގައި ފައިސާ ދައްކަމުންދާނެ ކަމަށެވެ.
"މިހާރު ދެން ކޮންމެ ދެ ހަފުތާއަކުން ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖައްސައި އެ ގޮތަށް ގަވާއިދުން ފައިސާ ދެވެމުން އެބަ ދެވޭ." މިނިސްޓަރު ވިދާޅުވި އެވެ.
މި ސަރުކާރުގެ އަމާޒަކަށް ކުރިން ކަނޑައެޅި މަސް ކިރާތާ އެންމެ ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމެވެ. ނަމަވެސް އެގޮތަށް އެކަން ކުރިއަށް ގެންދަން ދަތިވީ ދުނިޔޭގެ ބާޒާރުގައި މަހަށް ލިބޭ އަގު ވެސް ރަނގަޅުވެގެން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
އެހެންވެ އެ އުސޫލަށް އަމަލު ކުރެވޭނީ ޕްރޮސެސްކޮށްފައިވާ މަހުގެ އުފެއްދުންތައް ނެރޭ ނިސްބަތް އިތުރުކޮށް ރަނގަޅު އާމްދަނީއެއް މިފްކޯއެއް ލިބެން ފެށުމުން ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ ދަނީ އެ މަގަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ސަރުކާރުގެ ކުރީކޮޅު މަސްވެރިންނަށް ފައިސާ ދޫކުރުމުގައި ދަތިތަކެއް ދިމާވީ "ސިޔާސީ މަންފާ" އަށް ކުރީގެ މަސް ކިލޯއެއްގެ އަގު 17ރ. 25ރ. އަށް ބޮޑުކުރުމުން ކަމަށެވެ.
އަދި އެ ބަދަލު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭން ތެރޭގައި ގެނައުމަށް ފަހު، އޭރުގެ ސަރުކާރުގައި ވެސް މަސް ކިލޯގެ އަގު އުފުލުމަށް ފަހު ފައިސާ ނުދެއްކޭ ކަން ޝިޔާމް ވިދާޅުވި އެވެ. މި ސަރުކާރު އައިސް ފަހުން މަސް ގަންނަ އަގު 20ރ. އަށް ބަދަލު ވެސް ކުރި އެވެ.
"ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް ބަލާއިރު ވަރަށް ބޮޑު އެއްޗެއް ދައުލަތުން ދީގެން މަސް ގަންނަން ޖެހިފައި އޭރު އޮތީ، އޭރު މިފްކޯގެ ބްރޭކް އީވެން ނާދޭ 12 ރުފިޔާއަށް މަސް ކިލޯ ގަތަސް،" ޝިޔާމު ވިދާޅުވި އެވެ. "އެހެންވެ ދައުލަތުން މަސް ކިލޯއަކަށް 13 ރުފިޔާއަށް ވުރެ ގިނައިން އެބަ ދޭން ޖެހޭ." ޝިޔާމް ވިދާޅުވި އެވެ.
ބެކްލޮގްގެ މައްސަލަ ހައްލު ކުރުމަށްޓަކައި މި ސަރުކާރު އެންމެ ފަހުން ގެނައި ބަދަލަކީ ދުނިޔޭގެ ބާޒާރުގައި މަސް ކިލޯއެއްގެ އެ އިރެއްގެ ހުުންނަ އަގަށް ބަލައި ބަސް ގަންނަން ފެށުމެވެ.