ޤާނޫނަށް އިސްލާހު ގެނެސްގެންވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާއި ސިޔާސީ މަގާމުތަކުގެ އަދަދު ލިމިޓް ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު މެންބަރުންގެ ހިޔާލު ހޯދުމަށް ހުށަހަޅާފައިވާ ގަރާރަށް ބައެއް ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ހޯދުމަށް މިއަދު ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައެވެ. އެގޮތުންމި ކޮމިޓީގެ ބައްދަލުވުމަށް ވަނީ ވެރިކަންކުރާ ޕީޕީއެމް ޕީއެންސީ އަދި އިދިކޮޅު އެމްޑީޕީގެ މަޝްވަރާ ހޯދުމަށް އެ ޕާޓީތަކުގެ ބޭފުޅުން ހާޒިރުކޮށްފައެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓގެެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ އޭގެޒާތުގައި މަޖިލީހަށް ދައުލަތުގެ ބަޖެޓުން ކުރާ ހަރަދަށް ބަލާއިރު އެއީ ނިސްބަތުން ކުޑަ އަދަދެއް ނަމަވެސް، ދައުލަތުން އުފުލަންޖެހޭ މާލީ ބުރަ ކުޑަކުރުމަކީ ދައުލަތުގެ ތިން ބާރުންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން ޤާނޫނަށް އިސްލާހު ގެނެސްގެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަަދަދު އަދި ސިޔާސީ މަގާމުތަކުގެ އަދަދު ލިމިޓް ކުރަންޖެހޭކަން ފާހަގަ ކުރެއްވިއެވެ.
"ރައްޔިތުންގެ މަޖިލިސް ކެޕް ކުރުމާއި އަދި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކެޕްކުރުމަކީވެސް ގާނޫނު ހަދައިގެން ގެންނަން ޖެހޭ ބަދަލެއް." ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ މެންބަރުކަން ކުރުމުން ލިބޭ އިނާޔަތާއި ފަނޑިޔާރުކަމުން ރިޓަޔާ ކުރުމުން ލިބޭ އިނާޔަތްފަދަ އިނާޔަތްތައްވެސް ވަންނަނީ ދައުލަތުގެ ބަޖެޓަށް ކަމަށާއި އަދި އެކަންކަމާމެދު ރައްޔިތުން ސުވާލު އުފައްދާކަމަށެވެ.
މީގެއިތުރުން ޝުޖާއު ވިދާޅުވީ ބޮޑެތި ކަންކަމުގައި ޤާނޫނަށް ނުވަތަ ޤާނޫނުއަސާސީއަށް އިސްލާހެއް ގެނައުމުގެ ކުރިން ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަކީ ރަނގަޅު ފެށުމެއް ކަމަށެވެ.