Last Updated: January 12, 16:31
Sunday, January 12, 2025
ޚަބަރު

އިނާމު ހޯދި ސްޓެލްކޯ މުވައްޒަފުންނަށް ހާއްސަ ހަފުލާއެއް

ފޮޓޯ: ސްޓެލްކޯ

ދަޢުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވައިގެން ޝަރަފާއި މެޑަލް ހާސިލުކުރެއްވި ސްޓެލްކޯގެ މުވައްޒަފުންގެ ޝަރަފުގައި ހާއްސަ ހަފުލާއެއް ބާއްވައިފިއެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ސްޓެލްކޯގެ 16 މުވައްޒަފަކަށް ލިބިފައިވެއެވެ. އެ މުވައްޒަފުންގެ ޝަރަފުގައި އާދީއްތަ ދުވަހު ސްޓެލްކޯގެ ހެޑް އޮފީހުގައި ވަނި ހާއްސަ ހަފުލާއެއް ވަނީ ބާއްވާފައެވެ.

މި ހަފުލާގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ދޭހިދުމަތް ހީނަރުވެއްޖެނަމަ ދިވެހި ދައުލަތް ހީނަރުވެ، ދިވެހި ދައުލަތުގެ އިޤުތިސާދީ މިނިވަންކަން ހީނަރުވާނެކަމަށެވެ.

ކަރަންޓާއި ނުލައި ޤައުމުގެ އިޤުތިސާދީ މިނިވަންކަން ޔަޤީން ނުކުރެވޭނެކަން ފާހަގަ ކުރައްވާ ފަހުމީ ވަނީ ކުންފުނީގެ ޚިދުމަތް އިތުރަށް ފުޅާކޮށް، އިތުރު ފުރިހަމަ ކަމާއިއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ހުރިހާ މުވައްޒަފުންވެސް އެއްވެސް ހީނަރުކަމެއް ނެތި މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

"އަޅުގަނޑުމެން ހިދުމަތް ކުރަނީ، އަދި މިހާތަނަށް ހިދުމަތް ކުރަމުން މި ދަނީ، އަދި މުސްތަޤުބަލްގައި ހިދުމަތް ކުރާނީ ދިވެހި ދައުލަތަށް. އެހެންކަމުން ދިވެހި ދައުލަތަށް ހިދުމަތްކޮށްދިނުމުގަ އަޅުގަނޑުމެން ތިބެންވާނީ ފިސާރި ކެރިގެން. އެކަމުގަ ހީނަރުކަމެއް އައިސްގެން ނުވާނެ. ބައެއް ފަހަރަށް ހީވެދާނެ ސްޓެލްކޯއަށޭ (ހިދުމަތް ކުރަނީ). ސްޓެލްކޯއެއް ނޫންކަން އަޅުގަނޑުމެންނަށް ޔަޤީން ދެއްތޯ؟ ސްޓެލްކޯއަށް ހިދުމަތްކުރުމަކީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުން. އެހެންކަމުން އަޅުގަނޑުމެން މި ދޭ ހިދުމަތުގަ، ރައްޔިތުންނަށް މި ދޭ ހިދުމަތުގަ އަޅުގަނޑުމެން ހީނަރުވެއްޖެޔާ ދިވެހި ދައުލަތް ހީނަރުވެ، އަދި ދިވެހި ދައުލަތުގެ އިޤުތިސާދީ މިނިވަންކަން ހީނަރުވާނެކަމީ ޔަޤީންކަމެއް." ފަހުމީ ވިދާޅުވިއެވެ.

މިއަހަރު ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 138 ބޭފުޅަކަށް ދެއްވާފައިވެއެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރެއްވުމުގެގޮތުން ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.