މިހާރުގެ ޒުވާން އަންހެން ކުދިންގެ މެދުގައި ވަރަށް އާންމުވެފައިވާ ކަމެކެވެ. ދުވަސްކޮޅަކަށް ފަހު ރައްޓެއްސަކާއި ދިމާވާއިރަށް ގައިގަ ބައްދާލާފަ ހާލުވެސް އަހާނުލާ މި ބުނެލަނީ "އޭ ޔޫ ހާދަ ފެޓޭ" މިހެންނެވެ. ނުވަތަ "އޭ ހާދަ ފަލަ އޭ " މިފަދަ ގޮތަކަށެވެ.
އެހެން ބުނުމުން ކިތަންމެ ހިތުގައި ޖެހުނު ނަމަވެސް 'ފަލަ' މިލަފުޒު ރައްދުވާ ކުއްޖާވެސް ހިނިގަނޑެއް ޖަހާލާފަ އާނ ދޯ އޭ ބުނެލާފަ ގެއަށް ދަނީއެވެ.
'ފަލަ' މިލްފްޒު އޭނާއަށް ނިސްބަތްކޮށް ބޭނުންކުރުމުގެ ސަބަބުން އެ އަންހެން ކުއްޖާއަށް ލިބުނު ހިތްދަތިކަން އިތުރުވެގެންދަނީ ގެއަށް ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓި އަމިއްލައަށް ހަށިގަނޑު ބަލާލާ ހިސާބުންނެވެ.
ލޯގަނޑުން ބަލާލުމުން މިއަންހެން ކުއްޖާ އަށް ފެންނަނީ ބޭރުގެ މެގަޒިންތަކުން ފެންނަ މަޝްހޫރު މޮޑެލުން ތިބޭހެން ނުހުންނަ ހަށިގަނޑެކެވެ. ބަނޑު ގޮސް ބުރަކަށްޓާ ތައްލަވާފަ ނެތުމާ ފަލަމަސްގަނޑު ގެ މެދުގައި "ތައި ގެޕް" ނެތުމާއި އޭނާގެ މޫނުގެ ހަން ކުރަކި ވެފައިވާ ތަނެވެ. ޖުމްލަގޮތެއްގައި ބުނަނީ ނަމަ "ފަލަ" އަންހެނެއް ގެ ސޫރަ އެކެވެ.
އެއަށް ފަހު ދެން މި އަންހެން ކުއްޖާ ފަށަނީ ފޯނު ނަގައިގެން ތަފާތު ވައްތަރުގެ ޑައިޓް ޕްރޮގްރާމްތައް ހޯދުމުގެ މަސައްކަތެވެ. ނުވަތަ ކަސްރަތު ކުރާނެ ގޮތް ބަލަނީއެވެ. އެހެން ނޫންނަމަ ފޭސްބުކް ސްޓޭޓަސްގައި ނުސީދާ ގޮތެއްގައި 'ފަލަ' މިލަފްޒު އޭނާއަށް ރައްދުކުރި ފަރާތަކަށް ބަވާލަނީއެވެ.
"ފަލަ" ވެގެން އުޅޭ ކުދިންނަށް ސިއްޙީ ގޮތަކުން ބަލާލަމާތޯއެވެ.
'ފަލަ' ވުމުގެ މައްސަލަ އާންމުކޮށް ކުރިމަތިވާ ކުދިންގެ އުމުރަކ21 ނުވަތަ 25 އަހަރެވެ. ދިގު މިނަކީ 5 ފޫޓް 3 އިންޗި އެވެ. ބަރުދަނަކީ 45 ނުވަތަ 55 ކިލޯ އެވެ. އެހެންކަމުން އެކުއްޖާގެ ބޮޑީ މާސް އިންޑެކްސް އަކީ ގާތްގަނޑަކަށް 21.1 އެކެވެ. މިއީ "ނޯމަލް" ރޭންޖެވެ. ބޮޑީ ފެޓް ޕަސެންޓަކީ %29 އެވެ. މިއީވެސް "ނޯމަލް" ރޭންޖެވެ. ވީމާ، ހުރިހާ ގޮތަކުން ވެސް ނޯމަލް ރޭންޖުގައި ހުރި އިރު "ފަލަ" މިބަސް މިހާ ފަސޭހައިން ބޭނުންކުރެވެން ވީ ކީއްވެހެއްޔެވެ ؟
އެހެންކަމުން އަންހެންކުއްޖަކާ ދިމާލަށް ފަލައޭ ބުނެވޭނީ ކޮން ހާލަތެއްގަ ހެއްޔެވެ ؟
އެ ކުއްޖާ އަކީ ކުރިން ސިއްހީ ގޮތުން ފަލަ ކުއްޖަކަށްވުމުން ކަސްރަތު ކޮށްގެން މިންނެތް މަސައްކަތުން ހިކިފަ ހުރި ކުއްޖެއްކަމަށްވެސް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނޫނީ ކެއުމުގެ ބައްޔަކާ ކުރިމަތިލާފަ މިހާރު ސިއްހަތު ރަނގަޅު ކުއްޖަކަށްވެސް ވެދާނެއެވެ.
ފެންނައިރަށް ގޮސް 'ފަލަ' މިލަފްޒު ބޭނުންކޮށްގެން މުޚާތަބްކޮށްފި ނަމަ އެ ކުއްޖާގެ ސިކުނޑި ތެރޭގަ ހުންނާނީ ހަމައެކަނި އެއްކަލަ "ފަލަ" އެ ބަހެވެ. މިއީ ސިކުނޑިއަށް ލިބޭނެ ވަރަށްވެސް ދަތި ކަމަކަށް ވެއެވެ. ހިތް ނުތަނަވަސް ވެ މީހާ ދުނިޔެމަތިން ފޫހިކުރުވާ ކަމެކެވެ.
ފަލަ މި ބަސް ކިތަންމެ ކުޑަވީނަމަވެސް މި ބަހަކީ ވަރަށްވެސް ބާރުގަދަ ބަހެކެވެ. ހިތުން އެހާއަވަހަށް ފިލާވެސް ބަހެއް ނޫނެވެ. މިކަމާއި އެއްވެސް އަންހެން ކުއްޖަކު ދެކޮޅެއް ނުހަދާނެއެވެ.
ވީމާ، ދެވަނަ ފަހަރަކު މީހަކާ ދިމާލަށް ފަލަ އޭ ކިޔުމުގެ ކުރިން މިކަންތައް މަތިން ވިސްނާލުން ބުއްދިވެރިއެވެ.