މާލޭގެ ދަރުބާރުގޭގެ މުހިއްމު މަރާމާތުތަކެއްކޮށް ނިންމާފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީ ބުނީ މި މަހުގެ ތެރޭގައި ފެށި މަރާމާތުގެ ތެރެއިން ދަރުބާރުގޭގެ ހަލާކުވެފައިވާ ފުރާޅު އެއްކޮށް ހެދުމާއި އެތެރެ އާއި ބޭރު ފާރުގެ މަރާމާތުތަކާއި އަލުން ޓައިލްސް ޖެހުމާއި ހަލާކުވެފައިވާ އޭސީތައް ބަދަލުކޮށް ސާވިސް ކުރުން ހިމެނެ އެވެ.
މީގެ އިތުރުން ދަރުބާރުގޭގެ ސީލިންގު ވެސް މަރާމާތުކޮށް، ހިރިޔާ މާލަމާއި ރަންނަބަނޑޭރި މާލަމުގެ ސްޓޭޖްގެ ކާޕެޓް ވެސް އާކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ބިނާކުރި ދަރުބާރުގެ އަކީ ބޮޑެތި އެކިއެކި ހަފުލާތަކާއި އިވެންޓްތައް ބާއްވަމުން އަންނަ ތަނެކެވެ. އެގޮތުން އެތަނަކި އަމިއްލަ ފަރާތްތަކުގެ ތަފާތު އިވެންޓްތަކަށް ސަރުކާރުން ކުއްޔަށް ވެސް ދެމުން އަންނަ ތަނެކެވެ.