Last Updated: January 12, 17:02
Sunday, January 12, 2025
ޚަބަރު

15.38 ކިލޯގެ ޑްރަގްސް އަތުލައިގެންފި

ވައިގެމަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި 15.38 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.

ފުލުހުން އަދި ކަސްޓަމްސްއިން ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ، މިތަކެތި ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ ހަތަރު ގައުމެއްގެ މީހުން ވެގެން މެލޭޝިއާ މީހަކު ލައްވައިކަމަށެވެ.

މިތަކެތީގެ މަގުމަތީއަގު 12.3 މިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދީފައިވެއެވެ. މިތަކެތި އަތުލައިގަނެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ކަސްޓަމްސްގެ ސްޕްރިންޓެންޑެންޓް ވިދާޅުވީ، މިއީ މިއަހަރު މިހާތަނަށް އަތުލައިގަތް އެންމެ ގިނަ އަަދަދެއްގެ މަސްތުވާތަކެތި ކަމަށެވެ.

މި މީހާ ދަތުރުކުރި މަގު އޮޅުވާލުމަށް މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށް ކަސްޓަމްސްގެ ސްޕްރިންޓެންޑެންޓް ވިދާޅުވީ އޭނާގެ އަތުން ފޭކް ޓިކެޓުތަކެއް ވެސް ފެނިފައިވާ ކަމަށެވެ. މީނާ ރާއްޖެ އައިސްފައިވަނީ ބެންކޮކުން ދުބާއީއަށް ގޮސް، ދުބާއީ މަގުންކަމަށް މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލައިގައި މެލޭޝިއާ އިތުރު މީހަކުވެސް ހައްޔަރު ކޮށްފައިވާ ކަމަށާއި މިދެމީހުންގެ ބަންދަށް ފަސް ދުވަސް ދީފައިވާ ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.