Last Updated: November 28, 09:47
Thursday, November 28, 2024
ޚަބަރު

ބިދޭސީންނާ ގުޅޭ އިސްލާހުގެ ބަހުސް ފަށައިފި

މަޖިލިސް ތަޅުން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ އުސޫލުތަކަށް ބަދަލުގެންނަން ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފަށައިފިއެވެ.

ވަޒީފާއާބެހޭ ޤާނޫނަށް އިސްލާޙު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދުއެވެ.

މި އިސްލާޙުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ ޖުލައި 24 ވަނަ ދުވަހުއެވެ. މިއަދުގެ ޖަލްސާގައި މި އިސްލާހުގެ ބަހުސް ފަށާފައިވާއިރު، އިސްލާހު ހުށަހެޅުއްވި މެންބަރު ދާއޫދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ވަޒީފާއާބެހޭ ޤާނޫނަށް ހުށަހެޅިފައިވާ އިސްލާހުގެ ސަބަބުން ބިދޭސީން ވަޒީފާއަށް ނެރުމަށް އިންސާފުވެރި އަދި ރެގިއުލޭޓް ކުރެވޭނެ ހާމަކަންބޮޑު ނިޒާމެއް ގާއިމު ކުރުމަށް އެހީތެރިކަން ލިބޭނެ ކަމަށެވެ. އަދި މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއެކު ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް ލޯކަލް ލޭބާ މާކެޓް ރައްކާތެރިކުރުމާއި، ޤައުމީ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުން ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން މެންބަރު ދާއޫދު ވިދާޅުވީ މި އިސްލާހުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ޒުވާނުންގެ ވަޒީފާގެ ފުރުސަތުތަކަށް އެޅިފައިވާ ހުރަސްތައް ނައްތާލެވޭނެ ކަމަށެވެ.

މި އިސްލާހު ހުށަހެޅި ސަބަބެއްގެ ގޮތުން ބުނެފަވަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި، ރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލުތައް އިސްލާހުކޮށް، ގާނޫނު ތަންފިޒު ކުރުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކަމަށެވެ.

މި އިސްލާހުގައި ވާގޮތުން ބިދޭސީއަކު ރާއްޖެ ގެނައުމަށްފަހު ވަޒީފާ ދޭ ފަރާތުން އިހުމާލު ވެއްޖެނަމަ، އިހުމާލުވާ މީހުންގެ މައުލޫމާތު އާންމުކޮށް 50،000 ރުފިޔާއިން ޖުރިމަނާ ކުރެވޭނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ވަކިމުއްދަތެއް ވަންދެން ބިދޭސީން ގެނައުމުގެ ހިދުމަތްތައް ހުއްޓުވާލެވޭނެ ކަމަށެވެ. ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ބިދޭސީންނަށް އިހުމާލުވުން ބަލާ ކަންކަން ފާހަގަ ކޮށްފައެވެ. އެގޮތުން އެމީހުންނަށް މުސާރަ ނުދިނުން، ފޯރުކޮށްދޭން ޖެހޭ އަސާސީ ކަންކަން ކަމުގައި ކަނޑައަޅާ ކަންކަން ފުރިހަމަ ނުކުރުން، އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުން ނުވަތަ އެ މީހުން ލައްވާ ގާނޫނާ ހިލާފު އަމަލުތައް ހިންގުން އަދި ބިދޭސީ މީހާ ގެންނަ ވަޒީފާ ނޫން އެހެން ކަމެއް އެމީހުންލައްވާ ކުރުވުން ހިމެނެއެވެ.