ހިންދީ ސިނަމާގެ ކާމިޔާބު އެތައް ފިލްމެއްގެ ސްކްރީންޕްލޭ އެކީގައި ލިޔުނު ކުރީގެ ހުނަރުވެރި ދެ ސްކްރީން ރައިޓަރުން ކަމަށްވާ ސަލީމް-ޖާވިދަށް ބިނާކޮށް ގެނެސްދޭ ޑޮކިއުމަންޓަރީ، "އެންގްރީ ޔަންގް މެން" މި އަހަރުގެ އޮކްޓޯބަރުގައި ބެލުންތެރިންނަށް ދޫކޮށްކަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި އުފައްދާފައި ވަނީ ސަލީމް ޚާންގެ ދަރިފުޅު ސަލްމާން ޚާންގެ ފިލްމު ކުންފުންޏާއި ޖާވިދު އަޚްތަރުގެ ދަރިން ކަމަށްވާ ފަރުހާން އަޚްތަރުގެ އެކްސެލް އެންޓަޓަައިންމަންޓާއި ޒޯޔާ އަޚްތަރުގެ ޓައިގާ ބޭބީ ފިލްމްސް ގުޅިގެންނެވެ. "އެންގްރީ ޔަންގް މެން" ޑައިރެކްޓަރަކީ މަޝްހޫރު ފިލްމު އެޑިޓަ ނަމްރަތާ ރާއޯ އެވެ.
މިހާތަނަށް އެތައް ފިލްމެއް އެޑިޓްކުރި ނަމްރަތާ އަކީ އެ ދާއިރާ އިން ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ފަންނާނެކެވެ.
ސަލީމް-ޖާވިދުގެ ޑޮކިއުމަންޓަރީ އަށް "އެންގްރީ ޔަންގް މެން" ގެ ނަން ދީފައި ވަނީ އެ މީހުން ލިޔުނު ފިލްމުތަކުގައި އެފަދަ ކެރެކްޓާތައް ކުޅެގެން އަމީތާބް ބައްޗަން "އެންގްރީ ޔަންގް މޭން" ގެ ގޮތުގައި މަޝްހޫރުވެފައިވާތީ އެވެ. އޭނަ އަކީ ސަލީމް-ޖާވިދު ލިޔުނު ގިނަ ފިލްމުތައް އަދި އެންމެ ކާމިޔާބު ފިލްމުތަކުގެ އެކްޓަރެވެ. އޭގެ ތެރޭގައި "ކާލާ ޕައްތަރު"، "ދީވާރު". "ޝޯލޭ"، "ޑޮން"، "ޒަންޖީރު"، "ޓްރިޝުލް" އަދި "ދޯސްތާނާ" ހިމެނެ އެވެ.
"އެންގްރީ ޔަންގް މެން" ގައި އަމީތާބުގެ އިތުރުން ވެސް ގިނަ އެ މީހުންނާ އެކީ މަސައްކަތްކުރި ގިނަ ބައެއްގެ އިންޓަވިއުތަކާ އެކު، ދެ މީހުންގެ ކެރިއަރުގެ އުސްއަލިތައް ގެނެސްދޭނެ އެވެ.
މި ޑޮކިއުމަންޓަރީ ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ ސްޓްރީމިން ޕްލެޓްފޯމަކުންނެވެ. އެކަމަކު އެއީ ކޮން ޕްލެޓްފޯމެއްކަމާއި ޕްރީމިއާކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. "އެންގްރީ ޔަންގް މެން" އަށް ކުރިން ނެޓްފްލިކްސް އިން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.