ގޭތެރެއިން ކާއެތިކޮޅު ފޯރުކޮށްދޭން އަނބިމީހާގެ ބަދަލުގައިވެސް މިހާރު ހުރީ ބިދޭސީއެއް ކަމަށާއި އަނބިމީހާ އޮންނަނީ ކަސޯޓީއެއް ބަލަންކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފު ވިދާޅުވެއްޖެއެވެ.
ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މިސަރުކާރުން ވަޒިފާއާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ހުސައިން ޝަރީފް ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ ހައްޔަރުކޮށްގެން ގެނެސް އެމީހުން ޑީޕޯޓް ކުރުމަށް ދައުލަތުން އެތައް ހަރަދެއް ކުރަންޖެހޭ ކަމަށެވެ.
ކޮންމެ ސަރުކާރަކުންވެސް ކުރީކޮޅު އެންމެ ބާރަށް ދައްކާ ވާހަކައަކީ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ވާހަކަ ކަމަށާއި އެހެންނަމަވެސް އެކަން ނުކުރެވޭ ކަމަށެވެ. އެހެންނަމަވެސް މިސަރުކާރުން އެ މައްސަލަ ހައްލުކުރާނެ ކަމަށާއި މިކަމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ކުރައްވާ މަސައްކަތް މެންބަރު ޝަރީފް ފާހަގަ ކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ ބިދޭސީން ހުރިހާ ދިމާލެއްގައިވެސް އަތްގަދަ ކޮށްފައިވާ ކަމަށާއި މިކަމާ ވިސްނަންޖެހޭ ކަމަށެވެ. އެގޮތުން މަސްވެރިކަމަށް ބެލިޔަސް، ކަންމަތީ ފިހާރައަށް ބެލިޔަސް، ސައި ހޮޓަލަކަށް ބެލިޔަސް އަދި ހުރިހާ ކޭޝިއަރުންނަށް ބެލިޔަސް ތިބީ ބިދޭސީން ކަމަށެވެ.
"އަޅުގަނޑުމެން ގޭގައި ކައްކާ ކާއެތިކޮޅު އަޅުގަނޑުމެން ގޭތެރެއިން ފޯރުކޮށްދޭންޖެހޭ އަނބިމީހާގެ ބަދަލުގައިވެސް ހުރީ ބިދޭސީއެއް. އަނބިމީހާ އޮންނަނީ، ގޭގައި ރީތިކޮށް ކޮންމެސް ކަސޯޓީއެއް ކޮންމެސް އެހެން އެއްޗެއް ބައްލަވަން. އަަޅުގަނޑުމެން ފިރިމީހާ ގެއަށްދާއިރުގައި ފިރިމީހާއަށް ކާއެތިކޮޅު ފޯރުކޮށްދޭން ވެސް މިހާރު ބިދޭސީއެއް. އަދި ކޮންތާކު މީގައި އެންމެ އެންމެ މަޖާ ތަންކޮޅަކީ ވެސް، ހުންނަނީ ވެސް ބިދޭސީ ފިރިހެނެއް. ކައްކަން ވެސް މިހާރު ވަންނަ ހިސާބަށް ހިނގައްޖެ" މެންބަރު ޝަރީފް ވިދާޅުވިއެވެ.
މެންބަރު ޝަރީފް ވިދާޅުވީ ރާއްޖޭގެ ތަންފީޒީ އިދާރާތަކުން ހެޔޮނިޔަތުގައި ރަނގަޅަށް މަސައްކަތް ކުރާނަމަ ބިދޭސީންގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށާއި އަދި ރާއްޖޭގެ ނަފާ ދިވެހިންނަށް އެންމެ ފުރިހަމައަށް ލިބޭނެ ކަމަށެވެ.