އަމިއްލަ ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތް ލިބުމަކީ އައްޑޫ ރައްޔިިތުންގެ އަބަދުމެ ހުވަފެނެކެވެ. ކޮންމެ ސަރުކާރަކުން ވެސް އައްޑޫގައި އާ ހޮސްޕިޓަލެއް އަޅާނެ ވާހަކަ ދައްކަމުން ގެންދާތާ އެތައް އަހަރެއް ފާއިތުވެ ދިޔަ ނަމަވެސް ހޮސްޕިޓަލެއްގެ މަސައްކަތް ފެށިފައި ނުވެއެވެ.
އަބަދުވެސް އަޑުއިވެމުން ދިޔައީ ހޮސްޕިޓަލްގެ ކުރެހުން ނިމުނު ވާހަކައާއި އެކަަމަށް ވަރަށް އަވަހަށް ބަޖެޓް ހަމަޖެހޭނެ ވާހަކައެވެ. އަދި އެއަށް ފަހު ބަޖެޓް ހަމަޖެހުމުގައި ދަތިތަކެއް ދިމާވެގެން އުޅޭ ވާހަކައެވެ. އެހިސާބުން ކޮންމެ ސަރުކާރަކަށް ވެސް އައްޑޫގައި ހޮސްޕިޓަލް އަޅާ ނިމުނީއެވެ.
އައްޑޫގެ ރައްޔިތުންގެ ހުވަފެން ހަޤީޤަތަކަށް ނުވެ އެތަކެއް އަހަރު ތަކެއް ފާއިތުވެގެން ދިޔަ ފަހުން އެ ހުވަފެން ހަޤީޤަތަކަށް ހެއްދެވުމުގެ މަސައްކަތް ޑރ. މަރިޔަމް ޝަކީލާ ހިއްސާވާ ސިމްޑީ ކުންފުނިން ފެއްޓިއެވެ.
2008 ވަނަ އަހަރު ހުޅުވި އައިއެމްޑީސީ އަށް ކަމާ ބެހޭ ފަރާތްތަކުން އެއްބާރުލުން ނުލިބުމާއި އަދި އެކި ކަންކަމަށް ބޭނުންވާ ހުއްދަ ނެގުމަށް ދަތިތަކެއް ކުރިމަތިވަމުން ދިޔަ ނަމަވެސް ފާއިތުވި 7 އަހަރު ދުވަހުގެ ތެރޭގައި އެ ހޮސްޕިޓަލުން ވަނީ އައްޑޫގެ ގިނަ ރައްޔިތުން ހިތްހަމަޖެހޭ ފަދަ ޚިދުމަތެއް ހޯދައިދިނުމަށް އަގުހުރި މަސައްކަތްތަކެއް ކޮށްފައެވެ.
ސްޕެޝަލިސްޓުންގެ ޚިދުމަތަކީ މާލެ އަށް ގޮސްގެން ނޫނީ އައްޑޫގެ ރައްޔިތުންނަށް ނުލިބޭ ޚިދުމަތަކަށް ވެގެން ދުވަހަކީ މާޒީ ކަމުގައި ވެގެން ގޮސްފައިވަނީ އައިއެމްޑީސީ ހޮސްޕިޓަލަށް ސްޕެޝަލިސްޓުން ގެނެސް ޚިދުމަތް ދޭން ފެށި ހިސާބުން ކަން އައްޑޫގެ ގިނަ ރައްޔިތުން ފާހަގަކުރެއެވެ.
ސަރުކާރުން ހިންގާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އެކްސްރޭ މެޝިން ހަލާކުވެގެން ކޮންމެ ފަހަރަކު މާލެ އަށް ދާންޖެހުން ވެސް އައްޑޫ ރައްޔިތުން ހުއްޓާލީ އައިއެމްޑީސީ ހޮސްޕިޓަލުން އެކްސްރޭގެ ޚިދުމަތް ލިބެން ފެށުމުންނެވެ.
އައްޑޫގެ އެތައް މާބަޑު އަންހެނުން ވިހަންދާއިރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި އަންހެނުންގެ ޑޮކްޓަރެއް ނެތުމުން އެއިން ކޮންމެ ފަހަރަކު އެ އަންހެން ކަބަލުންގެ ކަންކަން ފުރިހަމަ ކޮށްދެނީ އައިއެމްޑީސީންނެވެ. އެތަނުގެ އަންހެންގެ ޑޮކްޓަރު އެތައް ފަހަރަކު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގޮސް މާބަޑު އަންހެނުންނާއި އެމީހުންގެ ތުއްތު ކުދިންގެ ފުރާނަ ސަލާމަތްކޮށްދީފައިއެވެ.
މީއީ އައްޑޫ ދެކެ ނުހަނު ލޯބިވި، އައްޑޫއަށްޓަކައި އަމިއްލަ ޖާނާއި މާލު ހޭދަކޮށް ބަގުރޫޓުވެގެން ދިޔަ ހިތަދޫ މޫންލައިޓް، މުހައްމަދު ސައީދުގެ ދަރިކަބަލުން ޑރ. މަރިޔަމް ޝަކީލާ ހިންގަވާ އައިއެމްޑީސީ ހޮސްޕިޓަލްގެ ވާހަކައެވެ.
އައްޑޫ ރައްޔިތުންގެ ގިނަ ބަޔަކު އިތުބާރުކުރާ ސިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެއްގެ ޚިދުމަތް ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް މިއަދު މެންދުރުން ފެށިގެން މިވަނީ ހުއްޓިފައެވެ.
ކަރަންޓު ކަނޑާލުމުގެ ސަބަބުން އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ 7 މީހަކުވެސް ވަނީ ގެއަށް ފޮނުވާލާފައި ވާއިރު އެމީހުންނަށް ބޭސް ދިނުމުގެ ކަންތައް ކުރުމަށްމު ހަަމަޖެއްސުމުގެ މަސައްކަތް އެ ހޮސްޕިޓަލުގެ މުވައްޒަފުން ދަނީ ކުރަމުންނެވެ.
އައިއެމްޑީސީ ހޮސްޕިޓަލުން މިއަދު ކަރަންޓް ކަޑާލާފައިވަނީ ޒާތީ ވެގެންނެވެ. އެހެން ވަކި ސަބަބެއް ނެތެވެ. މި ސަރުކާރުގެ ހެލްތު މިނިސްޓަރަކަށް ޝަކީލާ ހުންނަވަނިކޮށް މި ސަރުކާރުން "ހުތުރު" ގޮތަކަށް އެކަމަނާ ބޭރުކޮށްލުމާއި ހަމައަށްވެސް ރާއްޖޭގެ ސިއްހީ ހާލަތު ހަރުދަނާ ކުރެއްވުމަށް ދިޔައީ ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވަމުންނެވެ.
އައިއެމްޑީސީ ހޮސްޕިޓަލް ހަރުދަނާކޮށް އެތަނުން ފެންވަރު ރަނގަޅު ހިދްމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މިހާރުވެސް ޑރ. ޝަކީލާ ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ހޮސްޕިޓަލްގެ ޖާގަ އިތުރު ކުރުމާއި ސްޕެޝަލިސްޓުންގެ ހިދްމަތް އިތުރުކުރުމާއި، ލެބޯޓަރީގެ ހިދްމަތް ފުޅާ ކުރުމުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށެވެ.
މޭއި ޑޭގައި މާލޭގައި ބޭއްވި ބޮޑު މުޒާހަރާގެ ކުރީ ސަފުން ޑރ. ޝަކީލާ ފެނިގެން ދިއުމާއި ގުޅިގެން މި ސަރުކާރުގެ "އަނިޔާވެރި" ވަކި ތަކުގެ ތެރޭގައި ޝަކީލާ އަނެއްކާވެސް މިވަނީ ތާށިވެފައެވެ. އެކަން އެނގެނީ ފެނަކަ ކޯޕަރޭޝަނުން ފުރަތަމަ ކަރަންޓް ކަޑާލި ތަންތަނުގެ ތެރޭގައި ޝަކީލާގެ ވިޔަފާރި މަސްލަހަތު ހިމެނޭ ތަންތަން ވުމެވެ.
ސިއްހީ ހާލަތުގެ ފެންވަރު ދަށް އައްޑޫގައި ޝަކީލާގެ އިސް ނެންގެވުމާއި އެކު ހިންގަމުން އަންނަ އައިއެމްޑީސީ ހޮސްޕިޓަލަކީ އައްޑޫގެ ގިނަ ރައްޔިތުންނަށް ހިދްމަތް ފޯރުކޮށްދޭ ތަނެކެވެ. ސިޔާސީ މަގްސަދެއްގައި ވިޔަސް އައިއެމްޑީސީ އަށް ކުރާ ޖެއްސުމަކީ މުޅި އައްޑޫގެ ރައްޔިތުންނަށް ކުރާ ޖެއްސުމެކެވެ.
އެހެން ކަމުން ފެނަކަ ކޯޕަރޭޝަންގައި ތިބި އައްޑޫ މީހުން ބޭނުން ކޮށްގެން ސަރުކާރުން ތި ކުޅޭ ޓެލެޑްރާމާ ހުއްޓާލައްވާށެވެ. ޝަކީލާއަކީ އައްޑޫއަށް ހެޔޮ އެދޭ އިހްލާސްތެރި ދަރިއެއްކަން އަޅުގަނޑުމެން ގަބޫލް ކުރަނީ ހެޔޮ ހިތުންނެވެ.