Last Updated: November 28, 06:03
Thursday, November 28, 2024
ޚަބަރު

ގިނަ އިންޖީނުގެތަކުގެ މަސައްކަތް ހުއްޓިފައިވަނީ ތަރުތީބެއް ނެތުމުން

މިނިސްޓަރު ތާރިގް އިބްރާހިމް- ފޮޓޯ: ރައީސް އޮފީސް

ކުރީ ސަރުކާރުން ފެނަކައިން ހަވާލުކޮށްގެން ރަށްރަށުގައި އިންޖީނުގެތައް އެޅުމަށް ހަވާލުކޮށްފައިވާ ގިނަ މަސައްކަތްތައް ހުއްޓިފައިވަނީ އިސްކަންދޭ ތަރުތީބެއްނެތި މަސައްކަތް ކުރުމުން ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފެނަކައިން ރަށްރަށުގައި އިންޖީނުގެތައް އެޅުމަށް ހަވާލުކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ތާރިގް ވިދާޅުވީ، ކުރީ ސަރުކާރުން ފެނަކަ އާ ހަވާލު ކޮށްގެން ގިނަ ރަށްރަށުގައި ކުރަން ފެށި ގިނަ މަސައްކަތްތައް ހުއްޓިފައި ހުރިކަމަށެވެ.

މިނިސްޓަރު ތާރިގް ވިދާޅުވީ ފެނަކައިން ކުރިން މަސައްކަތް ކޮށްފައި ހުރީ އިސްކަންދޭ ވަކި ތަރުތީބެއް ނެތި ކަމަށާއި އެހެންކަމުން ގިނަ މަސައްކަތްތައް ވަކި ހިސާބަކަށްގޮސް ހުއްޓިފައިހުރި ކަމަށެވެ. އައްޑޫސިޓީ، ފުވައްމުލައްސިޓީ އަދި ކުޅުދުއްފުށިސިޓީގެ މަސައްކަތްތައްވެސް ހުއްޓިފައި ހުރިކަން ފާހަގަ ކުރައްވާ މިނިސްޓަރު ތާރިގް ވިދާޅުވީ ފެނަކައިގެ ކުރީގެ ވެރިން އިންޖީނުގެ އެޅުމުގެ މަސައްކަތް ކުރަމުން ދިޔައީ ޕްލޭނެއް ނެތި ކަމަށެވެ. އަދި ރަނގަޅަށް މަސައްކަތް ކުރިނަމަ އެ މަސައްކަތްތައް މިއަދު ނިމިފައި ހުންނާނެ ކަމަށެވެ.

ތާރިގް ވިދާޅުވީ އެންމެ ބޭނުންވާ ސަރަހައްދުތައް ބަލައިގެން މަސައްކަތްތައް ކުރިއަށްގެންދިއުމަށް ފެނަކައިން މިވަގުތު މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޖީނުގެތަކުގެ މަސައްކަތް ފަށާ ނުނިމި ހުއްޓިފައި ހުރި މައްސަލައިގައި މިހާރުގެ އެންވަޔަރަންމަންޓް މިނިސްޓަރުގެ ހައިސިއްޔަތުން ޒިންމާވާން ނުޖެހޭނެ ކަމަށްވެސް ތާރިގް ވިދާޅުވިއެވެ. މިހާރު މަސައްކަތް ކުރަނީ އެންވަޔަރަންމަންޓް މިނިސްޓަރީގެ މެންޑޭޓްގެ ތެރޭގައިވާ ކުންފުނިތަކާ ބައްދަލުކޮށް، ސަރުކާރުގެ ޕޮލިސީ ޑައިރެކްޝަން އެކުންފުނިތަކަށް ބަރާބަރަށް ދެވިގެން ކަމަށްވެސް ވިދާޅުވިއެވެ. ތާރިގް ވިދާޅުވީ ކުރީ މިނިސްޓަރު ކަންކުރިގޮތް އެނގިނުލައްވާ ކަމަށާއި، ގާތުން ކަންކަން ބެއްލެވިނަމަ ކުންފުނިތައް މިހާރު އޮތް ހާލަތުގައި ނޯންނާނެ ކަމަށެވެ. އަދި މިސަރުކާރުން މަސައްކަތް ކުރަނީ ކުންފުނިތަކަކީ ރަނގަޅަށް ޕާފޯމް ކުރާ ކުންފުނިތަކަށް ހެދުމަށް ކަމަށްވެސް ވިދާޅުވިއެވެ.