ކޭޕާކް މައްސަލައިގައި ހިމެނޭ ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ވިޔަފާރިވެރިޔާ ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރިއަތް ފަށައިފިއެވެ.
ކޭޕާކް މައްސަލައިގައި މަންޑޭގެ އިތުރުން ދައުވާ ކޮށްފައިވަނީ ޖައިޝާން ސައީދުގެ މައްޗަށެވެ. މި މައްސަލައިގައި ޖުމްލަ 201 ދައުވާ އެއް ވަނީ އުފުލާފައިވެއެވެ.
މި މައްސަލައިގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ފަށާފައެވެ. އެގޮތުން މިއަދުގެ އަޑުއެހުމުގައިވަނީ މަންޑޭއަށް އަދި ސައީދަށް ވަކީލަކު ހަަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި މައްސަލައިގެ އިތުރު އަޑުއެހުމެއް 10 ދުވަހުގެ ފަހުން ބާއްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ.
މަންޑޭގެ މައްޗަށް އުފުލި ދައުވާތައް:
އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ތިން ދައުވާ
ޓެކުމުގެ ކުށުގެ 50 ދައުވާ
އޮޅުވާލުމުގެ ޢަމަލެއް ކުރުމުގެ ކުށުގެ 50 ދައުވާ
މަނީ ލޯންޑްރިންގެ ކުށުގެ އެއް ދައުވާ
ޖައިޝާން ސައީދުގެ މައްޗަށް އުފުލި ދައުވާތައް:
އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ތިން ދައުވާ
ޓެކުމުގެ ކުށުގެ 50 ދައުވާ
ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ 27 ދައުވާ
އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގެ 47 ދައުވާ
މަނީ ލޯންޑާ ކުރުމަށް އެހީތެރިވުމުގެ ކުށުގެ އެއް ދައުވާ
ދައުވާތަކުގެ ތަފްސީލު؛
ޕީޖީ އޮފީހުން ބުނީމި ދައުވާތަކުގެ ތެރެއިން މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނ ގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާތައް ކޮށްފައިވަނީ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ %95 ހިއްސާދާރު، ޖިން ޝިހޫގެ ހުއްދަ ނެތި، އޭނާގެ ނަމުގައި ސައްހަ ނޫން ސޮއި ކޮށްފައިވާ ލިޔުންތަކެއް ބޭންކް އޮފް މޯލްޑިވްސް އަށް ހުށަހަޅާފައި ވާތީ ކަމަށެވެ.
އަދި ޓެކުމާއި ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާތައް ކޮށްފައިވަނީ ކޭ-ޕާކް ރެޒިޑެންސްގެ ނަމުގައި ހުޅުމާލޭގައި 110 އެޕާޓްމަންޓް ހިމެނޭ ރެޒިޑެންޝަލް ކޮމްޕްލެކްސް އެއް އިމާރާތް ކުރުމަށް ފަށައި މި ޕްރޮޖެކެޓް ހިންގާކަން އާންމުކޮށް އިއުލާނުކޮށް، އާންމުންނަށް މި އެޕާޓްމަންޓްތައް ވިއްކި އިރު އެއް އެޕާޓްމަންޓް އެއް އެކަކަށް ވުރެ ގިނަ މީހުންނަށް ވިއްކާ އެމީހުންގެ އަތުން ފައިސާ ޓަކައި ގަނެފައި ވާތީ އެވެ، އަދި އޮޅުވާލުމުގެ ދައުވާ ކޮށްފައި ވަނީ އެއް އެޕާޓްމަންޓް އެއް އެކަކަށް ވުރެ ގިނަ މީހުންނަށް ވިއްކި އިރު އެކަން އެޕާޓްމަންޓް ގަތް މީހުންނަށް އޮޅުވާލާފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
މީގެއިތުރުން މަނީ ލޯންޑްރިން އާއި މަނީ ލޯންޑާ ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ ކޮށްފައި ވަނީ ކޭ-ޕާކް ރެޒިޑެންސްއިން އެޕާޓްމަންޓް ގަތުމަށް ބޭނުންވާ ފަރާތްތަކާއި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ސޮއިކުރާ އެއްބަސްވުންތަކުގައި އެ އެއްބަސްވުންތަކުގެ ދަށުން ފައިސާ ދައްކާނީ ނަގުދު ފައިސާއިން ނުވަތަ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި ބޭންކް އެކައުންޓަށް ކަމަށް ބަޔާންކޮށް، ކޭ-ޕާކް ރެޒިޑެންސްގެ އެއް އެޕާޓްމަންޓް އެކަކަށް ވުރެ ގިނަ މީހުންނަށް ވިއްކައި އެ މީހުންގެ އަތުން އެޕާޓްމަންޓަށާއި ކާރު-ޕާކިން އަށްކަ މަށް ބުނެ ގިނަ އަދަދެއްގެ ފައިސާ އަތުލައި ކޭ-ޕާކް ރެޒިޑެންސްއިން އެޕާޓްމަންޓް ވިއްކާ ކަމަށް ބުނެ އެކި މީހުންނާ އެކު އެއްބަސްވި ގޮތަށް އެކަން ކޮށް ނުދީ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ގައި ހުޅުވާފައިވާ އެކައުންޓަށް އެކި ފަރާތްތަކުން އެޕާޓްމަންޓް ގަތުމަށް ފޮނުވާފައިވާ ފައިސާ އާއި ގޮތް ނޭނގޭ އެކި ގޮތްގޮތަށާއި ނަގުދު ފައިސާ ޑިޕޮސިޓް ކޮށްގެން އެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއާ އެއްކޮށްގެން އެ އެކައުންޓް ހަސަން މަމްދޫހު ބޭނުން ކުރަމުން އައިސް އެ އެކައުންޓްގައިވާ ފައިސާ އިން ހުޅުމާލޭގައި އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އިން ތަރައްގީ ކޮށްފައިވާ އެފްޑަބްލިއު ރެޒިޑެންސްގެ އެޕާޓްމަންޓް އެއް ގަނެފައި ވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މިހާރު ހުށަހަޅާފައިވާ 201 ދައުވާއާ ގުޅިގެން ގެއްލުން ލިބިފައިވާ މީހުންނަށް ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ވެސް މި ދައުވާތަކުގައި އެދިފައިވާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެ އެވެ.
މި ދައުވާތައް ކޮށްފައި ވަނީ ކޭ-ޕާކް ރެޒިޑެންސްގެ ޖުމްލަ 23 އެޕާޓްމަންޓްއެއް ވިއްކާފައިވާ މައްސަލަތަކާއި ގުޅިގެން ކަމަށާއި މި 23 އެޕާޓްމަންޓް 50 މީހުންނަ ށްވުރެ ގިނަ މީހުންނަށް ވިއްކާފައިވާ ކަމަށް ޕީޖީ އޮފީހުން ހާމަކުރެ އެވެ.