މިދިޔަ ހަފުތާގައި ނ،. އަތޮޅުގައި ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް އާރްޓީއެލް) ގެ ފެރީ ހިދުމަތަށް ނަގާނެ އަގުތައް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.
އެގޮތުން އެ އަތޮޅުގެ ދޭދޭ ރަށްތަކުގެ މެދުގައި އެއްކޮޅަށް އަދި ދެކޮޅަށް ނަގާނެ އަގުތައް މި ވަނީ އިއުލާންކޮށްފަ އެވެ. އަގުތައް އުޅެނީ 35-180ރ. އާ ދެމެދުގަ އެވެ.
އާރްޓީއެލްގެ ފެރީގެ ހިދުމަތް ނ. އަތޮޅުގައި އިފުތިތާހުކުރީ މ މަހުގެ 25 ގަ އެވެ. އަދި އާންމުކޮށް ދަތުރުތައް ފެށީ 26 ގަ އެވެ. މިހާރު ހިލޭ ދަތުރުތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ދީފައިވާ އިރު، އަގު ނަގަން ފަށާނީ އަންނަ މަހުގެ 2 އިން ފެށިގެންނެވެ. އަގުު ނަގަން ފެށުމުން ކައުންސިލް މެދުވެރިކޮށް ފެރީ ޖާގަ ދިނުން ހުއްޓާލައި ޓިކެޓް ގަންނަން ލިބޭނީ އެކަމަށް ހާއްސަކޮށްފައިވާ އާރްޓީއެލް އެޕުންނެވެ.
ނ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީ ދަތުރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުތައް: https://t.co/ChwE2NItJJ
— Ministry of Transport and Civil Aviation (@MoTCAmv) July 30, 2024
ނ. އަތޮޅުގައި ފެރީގެ ހިދުމަތަށް ބޭނުން ކުރަނީ 50 މީހުންގެ ޖާގައިގެ ދެ އުޅަނދެވެ.
ފެރީގެ ހިދުމަތާ އެކީ ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް މިހާރު ވަނީ ގުޅާލެވިފަ އެވެ. ހިދުމަތް ހަފުތާގެ ހުރިހާ ދުވަހެއްގައި ވެސް ލިބޭނެ އެވެ. އަދި ދަތުރުތައް ކުރާނީ މައިގަނޑު ތިން ރޫޓަކުންނެވެ.
އާރްޓީއެލް ހިދުމަތަކީ އެމްޓީސީސީއާ ހަވާލުކޮށް ދެމުން އަންނަ ހިދުމަތެކެވެ. މި ހިދުމަތް އެންމެ ފުރަތަމަ ފެށީ ޖޫން 12، 2022 ގަ އެވެ. ފެރީ ހިދުމަތުގެ އިތުރުން އާރްޓީއެލްގެ ދަށުން އަންނަނީ ބޮޑެތި ބައެއް ސަރަހައްދުތަކުގައި ބަހުގެ ހިދުމަތް ވެސް ދެމުންނެވެ.