ދާދި ފަހުން ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި ތަމަޅަ އެކްޝަން ތުރިލާ "މަހާރާޖާ" ގެ ހިންދީ ރިމޭކެއް އާމިރު ޚާން ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި ވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އެ ފިލްމުގެ ރިމޭކިން ރައިޓްސް އާމިރު ޚާންގެ ފިލްމު ކުންފުނިން ގަނެފައިވާ ކަމަށެވެ. އަދި "މަހާރާޖާ" ގެ ލީޑް އެކްޓަރު ވިޖޭ ސެތުޕަތީ ކުޅުނު ރޯލު ހިންދީ ފިލްމުގައި ކުޅޭނީ އާމިރު ކަމަށް ވެސް މީޑިއާތަކުން ބުނެފައިވެ އެވެ.
ނަމަވެސް އެ ފިލްމުގެ ރައިޓްސް އާމިރު ގަތްކަން އަދި ކަށަވަރުކޮށް ދީފައެސެއް ނުވެ އެވެ.
މިދިޔަ މަހުގެ 14 ގައި ރިލީޒްކުރި "މަހާރާޖާ" އަކީ ނިތިލަން ސަމިނަތަން ލިޔެ، ޑައިރެކްޓްކުރި ފިލްމެކެވެ. އެންމެ 20 ކްރޯޑް ރުޕީސް (2.4 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދައި 107 ކްރޯޑް ރުޕީސް (13 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމަކީ އެކްސިޑެންޓެއްގައި އަންހެނުން މަރުވުމުން އޭގެ ބަދަލު ހިފަން ބޯކޮށާ މީހަކު ކުރާ އާދަޔާހިލާފު ކަންތައްތަކެއް ދަައްކުވައިދޭ ފިލްމެކެވެ.
މިހާރު ނެޓްފްލިކްސްގައި އޮތް "މަހާރާޖް" ގެ ވާހަކަ އާއި ޑައިރެކްޝަންގެ އިތުރުން ވިޖޭގެ އެކްޓިން އަށް ގިނަ ބަޔަކު ވަރަށް ބޮޑަށް ތައުރީފުކޮށްފައިވެ އެވެ.
މި ފިލްމު ހިންދީ އޯޑިއަންސަށް ގެނެސްދޭން އާމިރު ނިންމާފައިވާ ކަމަށް ވާހަކަ ދެކެވެމުން އަންނަ އިރު، އޭނަގެ އެންމެ ފަހުގެ ފިލްމަކީ ބޭރު ފިލްމެއްގެ ރިމޭކެކެވެ. އެއީ ހޮލީވުޑްގެ 1994 ގެ "ފޮރެސްޓް ގަމްޕް" އަށް ބިނާކޮށް 2022 ގައި ގެނެސްދިން "ލާލް ސިންގް ޗައްޑާ" އެެވެ.
އާމިރުގެ ކުރިއަށް އޮތީ ވެސް ބޭރު ފިލްމެއްގެ ރިމެކޭކެވެ. އެއީ މި އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭނެ ކަމަށް ބެލެވޭ "ސިތާރޭ ޒަމީން ޕަރް" އެެވެ. މިއީ 2018 ގެ ސްޕެއިންގެ ފިލްމު "ޗެމްޕިއަންސް" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.